ރޭގެ މެޗުގައި ޒެކޯ އިޓަލީ ކޮޅަށް ގޯލް ޖަހަނީ
ރޭގެ މެޗުގައި ޒެކޯ އިޓަލީ ކޮޅަށް ގޯލް ޖަހަނީ
ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީވިލާތާއި ބޮސްނިއާ ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވެ އިޓަލީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އަތުވެއްޖެއެވެ.

އިޓަލީން ވަނީ އެޓީމް އެންމެ ފަހުން ކުޅުނު އެގާރަ މެޗުން ވެސް މޮޅުވެފައެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ބޮސްނިއާއަށް ކުރި ހޯދައިދިނީ ދެވަނަ ހާފުގައި، އިޓަލީގެ ރޯމާއަށް ކުޅޭ އެޑިން ޒެކޯއެވެ. އިޓަލީން އެއްވަރު ކުރީ އޭގެ ދިހަވަރަކަށް މިނިޓް ފަހުންނެވެ. އެއްވަރު ކުރި ގޯލް ޖަހައިދިނީ ސްޓެފާނޯ ސެންސީއެވެ.

މި ގްރޫޕްގައި ޓޮޓެންހަމްގެ ކުރިޔަށް ކުޅޭ ސްޓީވެން ބާރގްވައިން މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިން ލަނޑާއެކު، ޕޮލެންޑު ބަލިކޮށް އުނދަގޫ މޮޅެއް ނެދަލޭންޑްސް ވަނީ ހޯދައިފައެވެ. މިދިޔަ އަހަރުގެ ރަނަރަޕް ނެދަލޭންޑްސް ރޭ ކުޅުނު މެޗަކީ ކޯޗު ކޫމަން ޓީމު ދޫކޮށް ބާރސެލޯނާއަށް ދިޔަ ފަހުން ކުޅުން ފުރަތަމަ މެޗެވެ.

ޕޮލެންޑުގެ އެންމެ މުހިންމު ކުޅުންތެރިޔާ ރޮބާރޓް ލެވަންޑޯސްކީ ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ. މިދިޔަ މަހު ހޯދި ޗެމްޕިއަންސް ލީގުގެ ކާމިޔާބީއާއެކު ލެވަންޑޯސްކީ އަށް ވަނީ އަަރާމު ކުރުމަށް ވަގުތު ދީފަ އެވެ.

ޔުއެފާ ނޭޝަންސް ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ސްޕެއިންވެސް ވަނީ ޖަރުމަން އަތް ދަށު ނުވެ ފަހު ވަގުތު ސަލާމަތް ވެފައެވެ. މި މެޗް ނިމުނީ އެކެއް އެކަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ޖަރުމަނުގައި ކުޅުނު އެ މެޗުގައި ޖަރުމަނުން ކުރި ހޯދީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. މެޗުގެ 51 ވަނަ މިނިޓްގައި މި ގޯލު ޖެހީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީއާ ގުޅުނު ޓިމޯ ވާނާ އެވެ. ލީޑުފުޅާކުރަން ވާނާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ސާނޭ ހުސްކޮށްލާފައި ޖައްސާލި ބޯޅަ ވާނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ.

ނަތީޖާ ހަމަހަަމަ ކުރަން ސްޕެއިނުން ކުރިން މަސައްކަތް ކާމިޔާބުވީ ފަހު ވަގުތު އެވެ. އޭރިއާތެރެއިން ރޮޑްރީގޯ ބޮލުން ޖައްސާލި ބޯޅަ ހުސްކޮށްހުރި ގާޔާ އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ޖަރުމަނަށް މޮޅެއް ނުލިބެ އެވެ. މި މެޗުން އެއްވަރުވުމާ އެކު ފުރަތަމަ މޮޅު ހޯދަން އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފަ އެވެ.

ނޭޝަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މިރޭ ނިކުންނާނީ ވޯލްޑްކަޕް ރަނަރަޕް ކްރޮއޭޝިއާ އާ ދެކޮޅަށެވެ. މި މެޗް ފެށޭނީ މިރޭ ރާއްޖެ ގަޑިން 23:45 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން