އަނީސާ އަހުމަދު (މ)؛ އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރައްވާ އަޑުއުފުއްލެވުމުގައި ވެސް ފާހަގަކޮށްލެވޭ ކަނބަލެއް
އަނީސާ އަހުމަދު (މ)؛ އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރައްވާ އަޑުއުފުއްލެވުމުގައި ވެސް ފާހަގަކޮށްލެވޭ ކަނބަލެއް
ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި ގޭގެ ކުއްޔާ ބިލްތައް ނުދެއްކިގެން އުޅޭއިރު ގޭގައި ތިބެގެން ހެދިކާ ހަދައިގެން ލިބޭ ލާރިކޮޅު ނުލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަކީ ވަރަށް ދެރަކަމެއް ކަމުގައި ކުރީގެ ވަޒީރު ނޢޢވ އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

ގޭގައި ކާބޯތަކެތި ހަދާ މީހުންނަށް ވެސް އެއްޗެހި ވިއްކޭނީ ހުއްދަ ނަގައިގެންކަން އަންގައި އެޗްޕީއޭއިން ކޮށްފައިވާ އިއުލާނާއި ގުޅިގެން އަނީސާ އަހުމަދު ވިދާޅުވީ މިދުވަސް ވަރަކީ އިޤްތިޞާދީގޮތުން ދަތި ދުވަސް ވަރަކަށް ވާއިރު ގިނަ އާއިލާތައް އުޅެން ޖެހިފައިވަނީ ވަރަށް ދަތި ހާލުގައިކަމަށެވެ. އާއިލާތަކަށް މިހާލަތުގައި ލިބެމުންދާ އާމްދަނީ ނުލިބި ނުވަތަ ލިބޭ އާމްދަނީ އެތައް ތަނަކުން ކުޑަވުމުން އަމިއްލަ ގޭގައި ހެދިކާ ހަދައިގެން ވިއްކައިގެން ލިބޭ އާމްދަނީ ހުއްޓޭގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އަނީސާ ވިދާޅުވިއެވެ.

"ގޭބިސީއެއްގެ އެކަކު ދެމީހަކު ވަޒީފާ ގެއްލި ނުވަތަ އާމްދަނީ ހޯދުމަށް ކުރި މަސައްކަތް ހުއްޓި ހާލުގައި ޖެހިފައި ތިބި މިދުވަސްކޮޅު ގޭގައި ތިބެގެން ހަދާ ހެދިކާ ކޮޅު ވިއްކައިގެން ދިރިއުޅޭ އަންހެނުން ކާއެއްޗިހި ހަދާ ތަންތަނުގެ ސާފުތާހިރުކަން ފިޔަވައި ދެން ހުންނަ ކަންތައްވެސް ރެސްޓޯރަންޓް ކެފޭ ތަކުގައި ހުންނަންޖެހޭ މިންގަނޑުތަކަށް ނުފެތޭނަމަ އެމަސައްކަތް ހުއްޓުވާލުމަކީ އެއާއިލާތައް ވަރަށްބޮޑަށް ނިކަމެތި ވެގެންދާނެ ކަމެއް." އަނީސާ ވިދާޅުވިއެވެ.

ގޭގައި ތިބެގެން އަންހެން ކަނބަލުން އާމްދަނީ ހޯދުމަށް މިކުރާ މަސައްކަތުގައި ގޭތެރޭގެ ސާފްތާހިރުކަން ފިޔަވައި ބޮޑެތި ރެސްޓޯރެންޓު ތަކުގައި ހުންނަ ފެންވަރަށް ބަދިގެ ހަދައި އެ މިންގަނޑުތަކަށް ކަންކަން ގޭތެރޭގައި ހަމަޖެއްސުމަކީ ކޮންމެ ކޮންމެ އާއިލާއަކަށް ކުރެވޭނެ ކަމެއްނޫންކަމަށް އަނީސާ ވިދާޅުވިއެވެ. އަދި މިހާލަތުގައި އާއިލާތަކުން އުޅެމުންދާ ދަތި ހާލަށް ހަމްދަރުދީވެ މިފަދަ ހަރުކަށި ފިޔަވަޅުތައް ނޭޅުމަށް އަނީސާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ގޭގައި ކުއްޔާއި ބިލްތައް ނުދެއްކިގެން އުޅޭ މީހުންގެ މިމަސައްކަތް މިވަގުތު ހުއްޓުވާނުލެއްވި ނަމަވެސް ރެސްޓޯރެންޓް ބިސްނަސްއެއް ނުގެއްލޭނެ." އަނީސާ ވިދާޅުވިއެވެ.

ގޭގައި ކާބޯތަކެތި ހަދާ މީހުންނަށް ވެސް އެއްޗެހި ވިއްކޭނީ ހުއްދަ ނަގައިގެންކަން އަންގައި އެޗްޕީއޭ އިން ކުރި އިއުލާނުގައި ވަނީ އެފަދަ ފަރާތްތައް ހެލްތު މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ހުށަހަޅަން އަންގައިފަ އެވެ. މި އެންގުން އައީ، ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން އެޗްޕީއޭއާ ބައްދަލުކޮށް، ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުން ވެސް ރެސްޓޯރެންޓުތަކާ އެއް ގަވާއިދަކަށް ފައްތަން އެދިފައި ވަނިކޮށެވެ. އަދި އެޗްޕީއޭގެ އެންގުމަކީ އެ ޖަމްއިއްޔާގެ މަސައްކަތުގެ ނަތީޖާ ކަމަށް ރޭމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެޗްޕީއޭ އަށާއި ރެސްޓޯރެންޓުގެ ވެރިންނަށް އާއްމުން ދަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ވިސްނަބަލަ

04-Sep-2020

ސާބަހޭ މެޑަމް އަނީސާއަށް.. ދިވެހި އަންހެން ކަނބަލުންގެ އިހުސާސްތައް ދަތީތީ ޝުކުރިއްޔާ. ވެރިކަންކުރާ ޕާޓީގަ އުޅޭ ވަރަށް އަންހެނުން ކުރިވަރުވަން އުޅޭބަޔެކޭ ކިޔާ ބައެއް. މިފަހަރުވެސް އެވެރިން ނިނދިކުރައްވަފަ. ނިކަމެތި ރައްޔިތު އަންހެންމީހާގެ އިހުސާސް އެއް ނުފެނުނު. ނޭންގުނު. އަހރުމެން މިތިބީ އަމިއްލަ މަސައްކަތް ކުރާ އަންހެނުން ވީމަ މިދުވަސްކޮޅު ވަޒީފާ ގެއްލިފަ. އެހެންވެ މިބަލަނީ ހަލާލު މަސައްކަތުން އަނެއްކަވެސް އާމްދަނީއެއް ލިބޭތޯ..


2

ވިސްނަބަލަ

04-Sep-2020

ސާބަހޭ މެޑަމް އަނީސާއަށް.. ދިވެހި އަންހެން ކަނބަލުންގެ އިހުސާސްތައް ދަތީތީ ޝުކުރިއްޔާ. ވެރިކަންކުރާ ޕާޓީގަ އުޅޭ ވަރަށް އަންހެނުން ކުރިވަރުވަން އުޅޭބަޔެކޭ ކިޔާ ބައެއް. މިފަހަރުވެސް އެވެރިން ނިނދިކުރައްވަފަ. ނިކަމެތި ރައްޔިތު އަންހެންމީހާގެ އިހުސާސް އެއް ނުފެނުނު. ނޭންގުނު. އަހރުމެން މިތިބީ އަމިއްލަ މަސައްކަތް ކުރާ އަންހެނުން ވީމަ މިދުވަސްކޮޅު ވަޒީފާ ގެއްލިފަ. އެހެންވެ މިބަލަނީ ހަލާލު މަސައްކަތުން އަނެއްކަވެސް އާމްދަނީއެއް ލިބޭތޯ..



ޓްރެންޑިން