ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކޯވިޑުގެ އާލަންކަންފުޅު ޖެހުނު ހަބަރާއެކު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި ރަހުމުކުޑަ "ދަށު ދަރަޖައިގެ" ވާހަކަ ތަކުގެ ދިފާއުގައި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު  ތެދުވެވަޑަައިގެންފިއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫންގެ ދަރިކަލުން، ޣައްސާން މައުމޫން ޓެގް ކުރައްވައި ވިދާޅުވީ ދޮށީ އުމުރުފުޅުގަ އަދި އާލާސްކަންފުޅުގައި ބައްޕަ ޖަލުގައި ބަންދުކޮށްގެން "ޣައްސާންމެން" އަނިޔާދެމުން ދިޔައިރު ދިފާއުގައި ތިބީ ޚުދު އެބޭފުޅުން ކަމަށެވެ. ޣައްސާން ހުންނެވީ ސިޔާސީ ފައިދާ އޮތް އަތަށް ކަމަށާއި އެ ލައްގަނޑު ނުފިލާނެ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

"އަދި ހާލަތާ އެކަށޭނެ ނުވާގޮތަށް މީހަކު ބުނި އެއްޗެއް، ބޮޑުމަގަށް ނެރެ އާންމުކޮށްގެން ރައީސް މައުމޫންގެ އާލާސްކަންފުޅުގެ ސިޔާސީ ފައިދާ ނަންގަވަން ޣައްސާން މިހާރު ތި އުޅުއްވާ އުޅުއްވުމަކީވެސް ހުތުރުކަން ވަކި ކުޑަ އަމަލެއް ނޫން." ޖާބިރުގެ ބަސްތައް ދިފާޢު ކުރައްވައި ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ 32 މިލިޔަން ރުފިޔާގެ މުއާމަލާތުގައި ރައީސް މައުމޫން، އޭނާ އާއި ވާހަކަ ދެއްކެވި ކަމަށާއި އެ ވާހަކަފުޅުތައްވެސް އެބަހުރި ކަމަށެވެ. ދިރިހުރި ބައިވަރު ހެކިންވެސް އެބަތިބި ކަމަށް ދިޔާނާ ވިދާޅުވިއެވެ.



"އެހެނަސް ކޮންމެ ވާހަކަޔަކަށްވެސް ވަގުތާ ހާލަތާ އެކަށޭނަ ތަނަކާ ގޮތެއް އޮންނާނެ، ޕްރައިވެޓްކޮށް ދެކެވިފަ ހުރި ވާހަކަ ވީމަ އެހުރީ ޕްރައިވެޓްކޮށް. ޓްވިޓާއަކީ ހައްލެއް ނޫން." ރައީސް މައުމޫންގެ މައްޗަށް ޖާބިރު ކުރައްވާ ދަރަނީގެ ތުހުމަތުތަކަކީ ހަގީގަތެއްކަން ހާމަކޮށްދެއްވަމުން ދިޔާނާ ވިދާޅުވިއެވެ.

ޖާބިރު ދެއްކެވި ވާހަކަ ތަކެއް ކަމަށް ވިދާޅުވެ ޣައްސާނު މައުމޫން ޓްވީޓް ކުރެއްވި އޯޑިއޯއެއްގައި ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ކޯވިޑު ޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެމަނިކުފާނު ވަޅުލަން ވާނީ ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ޖާބިރަށް ދިނުމަށްފަހުގައި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޣައްސާނު އާންމު ކުރެއްވި އޯޑިއޯގައި ޖާބިރު ވިދާޅުވެފައި ވަނީ ބައްޕަގެ ދަރަންޏަކީ "ތިމަންނަ" ޒިންމާވާންޖެހޭ އެއްޗެއް ނޫނޭ ޣައްސާން ވިދާޅުވިނަމަވެސް ތަރިކަ މުދަލުން ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

“އޮނަތިރީސް މިލިޔަން ބައްޕަ ނަގާފަ ހުރީ، އެ ވާހަކަ ހަނދާން ކޮށްދެއްވައްޗޭ." ޖާބިރު ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް، ރައީސް މައުމޫން އަބުދުލްގައްޔޫމަށް ކޯވިޑްގެ އާލާސްކަންފުޅު ޖެހުނު ޚަބަރާއެކު ކާށިދޫ ދާއިރާގެ އަބުދުﷲ ޖާބިރުގެ ރަހުމުކުޑަ އިންސާނިޔަތު ކަމެއްނެތް އިހާނެތި ބަސްތަކުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު