ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން އިއުލާން ކުރުމާއެކު، ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ގޮވާލި މައްސަލަ ފުލުހުން މިރޭ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލުވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ. މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބީއެމްއެލުން އިއްޔެ ވަނީ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް އެއްކޮށް ކަނޑާލަން ނިންމާފަ އެވެ. ނަމަވެސް ފަހުން އެ ނިންމުން ބީއެމްއެލުން ވަނީ ބަދަލުކޮށްފައެވެ. ސަރުކާރުން އިއްޔެ ބުނީ ބީއެމްއެލުން އެ ނިންމުން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގުމާއި ހިލާފަށްކަމަށެވެ.

ފުލުހުން މިފަދަ މައްސަލަ އެއް ބަލަން ފަށާފައިވާއިރު އިއްޔެ ރާއްޖެއަށް މާލީ ބަޣާވާތެއް ގެންނަން އެމްޑީޕީ އަޑީގައި އޮވެގެން މަސައްކަތް ކުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ މިރޭ ތުހުމަތުކުރައްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް