އެމްޑީޕީން އިއްޔެ މަސައްކަތް ކުރީ މާލީ ބަޣާވާތެއް ގެންނަންކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ, ބީއެމްއެލުން ދިވެހި ރުފިޔާ އެކައުންޓްތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭގޮތަށް ހެދި ހެދުމަކީ އެމްޑީޕީން އަޑީގައި ތިބެ ހިންގަން އުޅުނު މާލީ ބަޣާވާތެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ, އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުންނަށް ދެނީ ހިތްދަތިކަމާ އަނިޔާ ކަމަށާއި އެގޮތުން އިއްޔެ ފެނިގެންދިޔައީ އެމްޑީޕީގެ އަސްލު ސޫރަ ކަމަށެވެ.

އަދި ބީއެމްއެލްގެ ވެރިން ވެސް އެތިއްބެވީ އެމްޑީޕީން ހިންގަން އުޅުނު މާލީ ބަޣާވާތުގައި ބައިވެރިވެގެން ކަމަށާއި އެހެންކަމުން އެބޭފުޅުން އިސްތިއުފާދިނުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ. ހާއްސަކޮށް ބީއެމްއެލްގެ ސީއީއޯ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ އެކަމުގައި އިސްކޮށް އުޅުނު މީހުންނަށް ދަންނަވާލަން އޮތީ, ރައީސް ވެރިކަމަށް ހޮވިވަޑައިގެންނެވީ އެންމެ މީހަކު ދެމީހެއްގެ ތާއީދާއެކު ނޫންކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ރައްޔިތުން ރައީސަށް ވަނީ ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ލައިސަންސް ދެއްވާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ ހުރިހާ ކަމެއް ނައްތާލުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި ހިންގަން އުޅުނު ބަޣާވާތުން ރައްޔިތުން ސަލާމަތް ކުރުމަށް ރައީސް ކުރައްވަމުން ގެންދެވި މަސައްކަތް ކައިރިން ފެނިވަޑައިގެންނެވިކަމަށް ޝިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް