image ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު   13 އޯގަސްޓު 2020 - 14:43
ލ. މާކަޅަވެލީ ރާވެރި ޒަކަރިއްޔާ ލ. ކުޑަފުށީގައި ދިގު މުއްދަތެއްގައި ރާވެރިކަން ކުރިއެވެ. އޭނާގެ ސްޕީޑް ލަހަސް، ގެންދިޔައީ ރާކުރާ ރުއްތައް އިތުރުކުރަމުން ރަށަށް ވެސް ތަރައްގީ ގެންނަމުންނެވެ. އަދި ރާވެރިކަމުން ލިބޭ ނަފާ ރަށްވެރި ގެއަށް ވެސް ދިޔައީ ފުރިހަމައަށް ލިބެމުންނެވެ. މާ ގިނައިން ނޫނަސް ވެހެވެ. އެ ޢާއިލާއަށް ވެސް އައީ ތަނަވަސްކަން އިތުރުވަމުންނެވެ. ޒަކަރިއްޔާ ރުއްއަރަމުން ގެންދިޔަ ދުވަސްވަރު އެކި ފަހަރު މަތީން ވައިއެރި މުހައްމަދު ކުޑަފުއްޓަށް ޒިޔާރަތްކޮށް ހަދައިފައިވެއެވެ. ޒަކަރިއްޔާ ކުރަމުން ގެންދިޔަ ރާވެރިކަން ދެކެ ތިމަންނާއަށް ވެސް މި ކަން ކުރެވިދާނެ ކަމަށް ދުށްޓެވެ. މާ ބޮޑު ކަމެއް ނޫންތާއެވެ. ރުކެއްގައި ރޯނުން ހަރުބަންނަނީ އެވެ. ރުކަން އަރާން ނުފަރިތަ، ނޭނގޭ މީހަކަށް ވެސް އެ ހަރުތަކުން ރުކަށް އެރޭނެތާއެވެ. ރާ ބާލާން ވެސް ކުރާ ކަމަކީ އެތެއްގެ ކޮޅު ބުރިކޮށް ބޭރުން ކަށިކެޔޮ ފަތް އޮޅައި، ބައްޖެއް ނުވަތަ ގުޑިއެއް، އަދި ފަހުންފަހުން އައިސް ޕްލާސްޓިކް ފުޅި ބުރިއެއް އެތުގެ ކޮޅާ ދިމާކޮށް ހަރުކޮށްލަނީ އެވެ. ކޮންމެ އިރަކު ރުކަށް އަރައި އެތުގެ ކޮޅުން ތަންކޮޅެއް ކަނޑައި ކުރިން ހުރި ރާކޮޅު ނަގައި އާ ބައްޖެއް އެތުގައި ހަރުކޮށްލަނީއެވެ. މިއީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެއް ކަމަށް ވައިއެރި މުހައްމަދު ހީކުރިއެވެ.

އެކި ފަހަރު މަތީން ކުޑަފުއްޓަށް އައިސް ރާވެރި ޒަކަރިއްޔާގެ ރާވެރިކަން ދެކި، އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަމަށް ޔަގީންކޮށްފިއެވެ. އަދި ޒަކަރިއްޔާގެ ޢާއިލާ އުޅޭ ތަނަވަސްކަން ފެނި ހަސަދަވެރިވިއެވެ. އެހެންކަމުން އަބޫބަކުރުކަލޭފާނުގެ ހިތަށް ފާޑުފާޑުގެ ވަސްވާސްދީ ޒަކަރިއްޔާގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވައި ހިތް ކުޑައިކުރުވިއެވެ. މި ދުވަސްވަރު ދުނިޔެ ތަޖުރިބާކުރި ސުނާމީގައި ކުޑަފުށްޓަށް އެރި ރާޅުގެ ސަބަބުން ބައެއް ރާރުއްތައް ހަލާކުވެ، ރާވެރިކަމުން ލިބެމުން އައި އާމްދަނީ ވެސް ދަށަށް ދިޔައެވެ. ނަމަވެސް ޒަކަރިއްޔާގެ ގިނަ ދުވަސްވީ ތަޖުރިބާ ބޭނުންކޮށްގެން އަބޫބަކުރުކަލޭފާނުގެ ޢާއިލާއަށް މާ ބޮޑު ތަކުލީފެއް ނުޖައްސައި، ރާވެރިކަން އަލުން ޢާއްމު ޙާލަތަކަށް ގެނައެވެ. މި ގޮތުގެ މަތީން ދުވަސްތައް ތަކުރާރުވަމުން ދިޔަ ދިޔުމުގައި ޒަކަރިއްޔާ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ޒަކަރިއްޔާބޭ ބަލިވުމުން ރާވެރިކަމާ ހަވާލުވާން ސުލައިމާން ހުރީ ތައްޔާރަށެވެ. އެއީ ޒަކަރިއްޔާގެ ރާވެރިކަން ތަޖުރިބާކޮށް އެކަން ދަސްކޮށްފައިވާ ޒުވާންކުއްޖެކެވެ. ޒަކަރިއްޔާގެ ކޮއްކޮއެކެވެ.

ސުލައިމާނުގެ ހުނަރާއި ތަޖުރިބާއަށް ބެލުމެއްނެތި ވައިއެރި މުހައްމަދުގެ މޮޅު ބަސްތަކަށް ހެއްލުމުގެ ނަތީޖާއެއްގެ ގޮތުން އަބޫބަކުރުކަލޭފާނުގެ ޢާއިލާއިން ނިންމީ ޒަކަރިއްޔާއާއި ސުލައިމާނާ ދެބޭން ވެސް އެ ކަމުން ދުރުކޮށް ވައިއެރި މުހައްމަދާ ކުޑަފުށި ހަވާލުކުރާށެވެ. ޢާއިލާގެ ބައެއް ކުދީން ދެކޮޅު ހެދި ނަމަވެސް ގިނަ ބައެއްގެ ތާއީދާއެކު އެކަން އެ ގޮތަށް ހަމަޖައްސައިފިއެވެ. އެތައް ޒަމާނެއް ވަންދެން ކުޑަފުށީގައި އުޅުނު ޒަކަރިއްޔާއާއި ސުލައިމާނުގެ ދެބެއިން ކުޑަފުށި ދޫކޮށް އެ މީހުންގެ ރަށަށް މާކަޅަވެއްޔަށް ހިނގައްޖެއެވެ.

އޮޅޮތޮޅު ވައިއެރި މުހައްމަދު ކުޑަފުއްޓާ ހަވާލުވީ އިރު، ފާހިތި ރުކުގައި ހުރީ ހަރުބަނދެ ފައެވެ. އަދި ފަނަސް ރުކުން ގެންދިޔައީ ރާ ބާލަމުންނެވެ. ކުނަހަންދޫ ހިތަދޫ މީހުންނަށް ދިޔާ ހަކުރު ވިއްކައިގެން ރަނގަޅު އާމަދަނީއެއް ވެސް ލިބެއެވެ. ރަށްވެރި އަބޫބަކުރުކަލޭފާނަށް ލިބޭ ބައިން ގޭގެ ރުނބާތަކާއި ގުޅިތައް ދިޔައީ ފުރެމުންނެވެ. ޢާއިލާ އުޅެމުން ގެންދިޔައީ ތަނަވަސްކަމާއެކު ހިތްހަމަޖެހިގެންނެވެ. މުހައްމަދު ކުޑަފުއްޓާ ހަވާލުވީ، ރާވެރި ޒަކަރިއްޔާ އަށްވުރެ މާ ގިނައިން ރާބާލައި ހަކުރު ހަދާނެ ކަމަށް ވަޢުދުވެގެންނެވެ. އަދި މާ ރަނގަޅަށް ރަށް ބަލަހައްޓާނެ ކަމުގެ ކަށަވަރުކަމާއެކީގައެވެ. އެންމެ ރާބައްޖަކާއި ކަންފައްޗަކުން ވެސް ތިޔަ ޢާއިލާއަށް މިހާރަށް ވުރެ ބޮޑު ފުދުންތެރިކަމެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ.

ކަންތައްވީ ހީކުރި ގޮތާ މުޅިން ތަފާތުކޮށްވެ. ރުއް އަރާން ފެށުމުން މި ކަމުގެ ބުރަކަން މުހައްމަދަށް އިހުސާސްކުރެވިއްޖެއެވެ. މިއީ މި ކަމުގެ ހުނަރާއި ތަޖުރިބާ ނެތް މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން ވިސްނިއްޖެއެވެ. މޮޅު ވާހަކަދައްކައި ބޮޑުކެނޑުން ނޫންކަމެއް މި މުހައްމަދަކަށް ނޭނގެއެވެ. ވައިބާރު ދުވަހެއް ވިއްޔާ ރުކަށް އަރާކަށް ނުކެރެއެވެ. މީނާއަކީ ނަމާދަށް ފަރުވާ ބަހައްޓާ މީހަކަށް ނުވާތީ ގިނަ ރޭރޭ ފަތިސް ނަމާދަށް ވެސް ހެޔެއް ނުލެވެއެވެ. އެހެންކަމުން ހެނދުނު ރުކަށް ދިޔުން ވެސް އޮންނަނީ ބޮޑު ކަމަކަށް ވެފައެވެ. ނަތީޖާއެއްގެ ގޮތުން ރިބޭ ރާކޮޅު މަދުވެ އާމްދަނީ ދަށަށް ހިނގައްޖެއެވެ. އެންމެ ފަހުން މަށަކަށް މި ކަމެއް ނުވާނޭ ކިޔައި ރަށުން ފައިބައިގެން ދިޔައީ އެވެ. ނަމަވެސް މުހައްމަދާއެކީ އުޅުނު ހަސަނު، މުހައްމަދު ބާރު އެޅި ނަމަވެސް، ރުއްތައް މުޅީން ހަލާކުވެދާނެތީ ރަށުން ފައިބައިގެން ނުގޮސް ރުއްތަކާ ހަވާލުވިއެވެ. އެހެންމީހަކާ ރަށް ހަވާލުކުރަންދެން ވަގުތީ ގޮތުންނެވެ. ރަށަށް ލިބިދާނެ ފޫނުބެއްދޭ ފަދަ ގެއްލުމަކުން ރަށް ސަލާމަތްކުރުމަށް ޓަކައެވެ.

މި ދަނޑިވަޅުގައި އަބޫބަކުރުކަލޭފާނު ބޭނުންވީ ޒަކަރިއްޔާއާ އަލުން ކުޑަފުށި ހަވާލުކުރާށެވެ. ނަމަވެސް ކަލޭފާނުގެ ޢާއިލާއިން ބުނީ ޒަކަރިއްޔާ މިހާރު މާ ބޮޑަށް މުސްކުޅިވެފައިވާތީ އޭނާގެ ކޮއްކޮއާ ހަވާލުކުރުން މާ ރަނގަޅުވާނެ ކަމަށެވެ. ހާރޫނަކީ ޒުވާނެކެވެ. ރާވެރިކަމުގެ ތަޖުރިބާ ހޯދައިގެން ހުރި މުރާލި، ވިސްނުންތޫނު ޒުވާނެކެވެ. ހިތްވަރުގަދަ، ކެރޭ، ޢަޒުމު ވަރުގަދަ މީހެކެވެ. ޒަކަރިއްޔާ ވެސް ހިތާ ދެކޮޅަށް ނަމަވެސް އެ ގޮތާ އެއްބަސްވީ، ހާރޫނު ހުރިހާ ކަމެއް ވެސް ކުރާނީ ޒަރިއްޔާ ބުނާ ގޮތަށް ކަމަށް ހީކޮށެވެ.

ޒަކަރިއްޔާގެ ކޮއްކޮ ހާރޫނަކީ ޒަކަރިއްޔާގެ ރާވެރިކަން ފުރިހަމައަށް ތަޖުރިބާކޮށް އެކަން ފުރިހަމައަށް ދަސްކޮށްފައިވާ ކުއްޖެކެވެ. އަދި މި ޒަމާނުގެ ފަންނިއްޔާތަށް ލޯހުޅުވިފައި ހުރި ކުއްޖެކެވެ. ބޭބެގެ ސުޕީޑް އޭނާއަކަށް ކަމަކު ނުދެއެވެ. އެހެންކަމުން ހާރޫނާ ރާވެރިކަން ހަވާލުވީ ހިސާބުން އެ މަސައްކަތް މެކުހަށް ޖަހައިފިއެވެ. ކައިރިކައިރީގައި ހުންނަ އެއް ރުކުން ފައިބައިގެން އަނެއް ރުކަށް އެރުމުގެ ބަދަލުގައި ހާރޫނު ގަސްތުކުރީ އެއް ރުކުން އަނެއް ރުކަށް ވާ ބޭނުންކޮށްގެން ފާލަން އަޅާށެވެ. މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް ޓަކައެވެ. ލަންކާގައި ރާވެރިކަން ކޮށް އުޅޭ ގޮތަށެވެ. މި ޚިޔާލު ހާމަކުރުމުން މިއީ ހެދިދާނެ ގޮތެއް ކަމަކަށް ވެސް ގިނަ މީހުން ގަބޫލެއް ނުކުރިއެވެ. ނަމަވެސް ޔަގީންކަމާއި ސާބިތުކަމާއެކު ހާރޫނު ފެށި މަސައްކަތް ނިންމައިލީ އެންމެންނަށް ހިނިތުންވުން ގެނެސްދެމުންނެވެ. އަބޫބަކުރު ކަލޭފާނުގެ ޢާއިލާ އަށް ކުރިއެރުން އަންނާން ފެށީ ހައިރާންވާ ފަދަ މިންވަރަކަށެވެ.

ކުޑަފުށްޓަށް ހާރޫނުގެ ރާވެރިކަމުގެ ދަށުގައި އަންނާންފެށި ކުރިއެރުމަކީ ވައިއެރި މުހައްމަދަށް ކެތްވާ ވަރުގެ ކަމަކަށް ނުވިއެވެ. އެހެންކަމުން ހާރޫނު ކުޑަފުށީން ބޭރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ކަމަށްޓަކައި ފިތުނަވެރި ވާހަކަދައްކައި ބުހުތާނު ދޮގުތައް ހަދައި އަބޫބަކުރުކަލޭފާނުގެ ޢާއިލާގެ މީހުންގެ ހިތްކަޅުކުރާން ފެށިއެވެ. އަދި މުސްކުޅި ޒަކަރިއްޔާބެ ވެސް އޭނާގެ ކޮއްކޮ ހާރޫނާ ދެކޮޅަށް ހައްލުވައިލައިފިއެވެ. ތިމަންނައަށް ކުޑަފުށި ހަވާލުކޮށްފިއްޔާ ޒަކަރިއްޔާއަށް ވެސް މާ ރަނގަޅުވާނެ ކަމަށާއި ޒަކަރިއްޔާ ނުބުނާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ދޮގު ވަޢުދުތައް ވެގެންނެވެ. މި ކަމުގައި، ކުޑަފުށީގެ އުތުރަށް އޮންނަ މާފުށީ ރަށްވެރިޔާގެ އެހީތެރިކަން ވެސް ހޯދިއެވެ. ސިއްރުން އެތައް ވަޢުދުތަކެއް ވެގެންނެވެ. އެކަމަކު އަބޫބަކުރުކަލޭފާނުގެ ޢާއިލާއަކަށް މި ކަމެއް ރޭކައެއް ނުލައެވެ. މާފުށިގެ ރަށްވެރިޔާއާ ވެފައިވާ ސިއްރު ވަޢުދަކީ ތިމަންނަމެންނާ ކުޑަފުށި ހަވާލުވެއްޖެ ނަމަ، ލިބޭ އެއްޗެއްގެ ދެބައިކުޅައެއްބައި މާފުށްޓަށް ދޭނެ ކަމުގެ ވަޢުދެވެ. އަދި ރުއްވަކަރުކޮށާން ވެސް ދޭނެ ކަމުގެ ވައުދެވެ. ދަނޑުވެރިކަންކުރާން މުޅިރަށް ހިތަކަށް ދޭނެ ކަމުގެ ކަށަވަރުކަމެވެ. މިފަދަ ވަރަށް ގިނަ ވައުދުތައް ވެގެން މާފުށީ ރަށްވެރިޔާ ވެސް މެދުވެރިވެގެން އަބޫބަކުރުކަލޭފާނުގެ ޢާއިލާގެ ގިނަ ބައެއްގެ ހިތް ހާރޫނުގެ މައްޗަށް ކުޑައިކޮށް އޭނާ ކުޑަފުށީން ބޭރުކުރުމުގެ މަސައްކަތް ފަށައިފގަތީއެވެ.

ވައިއެރި މުޙައްމަދުގެ ތާރީޚަށް ބަލާއިރު، އެއީ އިތުބާރުކުރެވޭ މީހަކަށް ނުވެއެވެ. އެހެންކަމުން އޭނާގެ ޅިޔަނު ޔޫސުއްބެ ދައްކައިގެން އޭނަޔާ ރަށް ހަވާލުކޮށްފިއެވެ. ވަރަށް މަޑުމައިތިރި ތެދުވެރިއެއްކަމަށް ވިސްނައިދީގެންނެވެ. ނަމަވެސް ޔޫސުއްބެއަކީ ރާވެރިކަމުގެ އެއްވެސް ތަޖުރިބާއެއް ހުނަރެއް ހުރި މީހެއް ނޫނެވެ. ޔޫސުއްބެއާ ކުޑަފުށި ހަވާލުވީއްސުރެ، އެ ރަށުގައި ވެސް ރާވެރިކަން ކުރަނީ މާފުށި ރާވެރިޔާއެވެ. ޔޫސުއްބެ ހުންނަނީ ނަމަކަށެވެ. ރާވެރިޔާގެ ނަން އޮވެފައި ލިބޭ އެއްޗަކުން ބައެއް އޭނާއަށް ވެސް ލިބެންޏާ އޭނާއަށް ނިމުނީއެވެ. އަބޫބަކުރުކަލޭފާނަކަށް މި ވާ ގޮތެއް ރޭކައި ވެސް ނުލައިގެން އުޅެނިކޮށް ކޮރޯނާ ވައިރަސްގެ ކަންތައް ޢާއްމުވެ ފުރަބަންދުވެއްޖެއެވެ. ރާވެރިކަމަށް އައި ހީނަރުކަމަކީ ކޮރޯނާގެ ސަބަބުން ދިމާވި ކަމެއްކަމަށް އަބޫބަކުރުކަލޭފާނަށް ވިސްނައި ދިނެވެ. ފުރުސަތުގެ ބޭނުންކޮށް، ޔޫސުއްބެއާއި ވައިއެރި މުހައްމަދުގެ އެހީތެރިކަމާއެކު މާފުށީ ރަށްވެރީން ގެންދިޔައީ ކުޑަފުށީގައި ދަނޑުވެރިކަން ކުރަމުންނެވެ. ރާވެރިކަމުން ލިބޭ އެއްޗެއްގެ ބޮޑުބައި ވެސް އޮންނަނީ އެ މީހުންނަށެވެ. މުޅި ކުޑަފުށީގައި އޮތީ މާފުށީގެ ބާރެވެ. ކުޑަފުށީން ދިޔާ ހަކުރުކޮޅެއް ކާއްޓެއް ނުލިބޭތީ އަބޫބަކުރުކަލޭފާނުގެ ޢާއިލާއިން ޝަކުވާ ކޮށްލާ ކޮންމެ ފަހަރަކު ބުނަނީ އެއީ ކުރީން ޒަކަރިއްޔާ ކަންތައްތައް ކުރި ގޮތުން ދިމާވާ ގޮތް ކަމަށެވެ. ފަހުން ބުނަނީ އެއީ ކޮވިޑްގެ ސަބަބުން ދިމާވާ ގޮތެއް ކަމަށެވެ. އެންމެ ފަހުން ދަތި ބޮޑުވެގެން އަބޫބަކުރުކަލޭފާނުގެ ޢައިލާގެ މީހުން ޔޫސުއްބެ ރަށުން ބާލަން އައި އިރު، މުޅި ރަށުގައި މި އޮތީ އެހެން ބަޔެއްގެ ބާރެވެ. އަބޫބަކުރުކަލޭފާނު، ޢާއިލާ ކުދީން ގޮވައިގެން ކުޑަފުއްޓަށް އަރާން ދިމާކޮށްލުމުން، މާފުށީ މީހުން ވަލުތެރެއިން އެކި ދިމާދިމާއިން ނުކުމެ ބުންޏެވެ. މިއީ މިހާރު އަހަރެމެންގެ ރަށެކެވެ. މި ރަށުގައި މި އޮތީ އަހަރެމެންގެ ދަނޑުވެރިކަމެވެ. މި ފެންނަނީ އަހަރެމެންގެ ރާއެރިކަމެވެ. ދަނޑުވެރިކަން ކުރުމަށް ޓަކައި އެގްރިކަލްޗަރުން ރަށް ލިޔެދިންކަމުގެ ސެޓްފިކެޓް މި އޮތީއެވެ. މިހާރު މިއީ ވަރުވާއަށް ލިޔެދޭ ރަށެއް ނޫނެވެ. ދަނޑުވެރިކަން ކުރާން 99 އަހަރަށް އަހަރެމްނަށް މި ރަށް މި އޮތީ މުޅީން ދީފައެވެ. ކަލޭފާނު ކިބައިން މުޅީން ރަށް ވަކިވީއެވެ.

ކުޑަފުށީ އުތުރަށް އޮންނަ މާފުށީ ރަށްވެރީންގެ މަކަރުވެރިކަމުން ކުޑަފުށި އަތުލައިގަތީއެވެ. ވައި އެރި މުހައްމަދުގެ މަކަރުވެރިކަމުގެ ދަލުގައި ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އަބޫބަކުރުކަލޭފާނަށް މުޅިރަށް ވެސް ގެއްލުނީއެވެ. އެންމެ ފަހުން ވައިއެރި މުޙައްމަދާއި ޔޫސުއްބެއަށް ވެސް ޖެހުނީ ރަށް ދޫކޮށް ފުރައިގެންދާށެވެ. އަބޫބަކުރުކަލޭފާނަށް ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑު ވެސް ގެއްލުނީއެވެ.


ކިޔުންތެރިންގެ ހިޔާލު


18

ޙަސަނު

30-Sep-2020

މި މިހާރުގެ ސިޔާސީ ހާލަތު.


28

ދަރިވަރު

19-Aug-2020

ރާ ކޮޅު ތޯއެވެ ނުވަތަ ރާ ފޮދުތޯއެވެ?



ޓްރެންޑިން