20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ނުހޮރޮއްޕާން ކުރާ މަޖިލީހަކަށް ނުވާނެކަމަށާއި، ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އާ މަޖިލީހުން ހޯދާނެ ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި މިރޭ ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ މަޖިލީހަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަަމަށާއި އެ އިތުބާރު ވިހި ވަނަ މަޖިލީހުން ހޯދާނެ ކަމަށެވެ. އެގޮތުން އާ މަޖިލީހަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް އޮތް މަޖިލީހަކަށް ހައްދަަވާނެ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 20 ވަނަ މަޖިލީހުގެ ހުރިހާ ކަމެއް ބައްޓަންކުރާނީ ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ފައިދާ އާއި ލާބަޔަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި އަމާޒަކަށްވާނީ ރައީސް މުޢިއްޒުގެ މުޅި މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެންގެ ފަރާތުން މަޖިލީހުގެ ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އޮންނަ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ފޯރުކޮށްދިނުން، އަމިއްލަ ފައިދާ އަށް އަމިއްލަ މަސްލަހަތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަމެއް ނުކުރާނަން،" 20 ވަނަ މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ޕީއެންސީން ނިބްމާފައިވާ ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަޙީމް ވިދާޅުވީ މަޖިލީހާ ސަރުކާރާ ޖެހެން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވާނީ މަޖިލީހާ ސަރުކާރު ގުޅިގެންކަމަށް  އަބުދުއްެރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މުޢިއްޒާއި އެއްވެސް މައްސަލަ އެއް ނުޖެހޭނެ ކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"މަޖިލީހާ ސަރުކާރާ ޖެހޭކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެއަށްވުރެ ބޮޑަށް ގުޅިގެން އެކީގައި މަސައްކަތްކުރާނީ. އޭގެ މާނައަކީ ދެބާރު އެއްވަނީއެކޭ ނޫން." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޢަބުދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެެއް ސަރުކާރު ހިންގާ ޕާޓީއަށް ދިނީ ރައްޔިތުންގެ އުންމީދުތަކެއް ހުރުމުން ކަމަށެވެ. އަދި މަޖިލިސް އިންތިހާބުން ރައީސް މުޢިއްޒަށް ރައްޔިތުންގެ ތާޢީދު އޮތްކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށާއި މަޖިލީހުގެ ހުރިހާ މަސައްކަތެއް ކުރާނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ހާސިލް ކޮށްދިނުމަށް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 70 އަށްވުރެ ގިނަ މެމްބަރުންނާއި އެކު ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަކީ ދަތިކަމެއް ނޫން ކަމަށެވެ. އަދި ފިތުނަ ފަސާދައާއި ބައިބައިވުމަށް ޕާޓީގެ ތެރެއިން ޖާގަ ނުދެއްވާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

ޢަބުދުއްރަޙީމް އިތުރަށް ވިދާޅުވީ އައު މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕާއި ރައީސް މުޢިއްޒާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަމަށެވެ. އެގޮތުން ކޮންމެ މެންބަރަކަށްވެސް ރައީސް އާއި ވާހަކަ ދެއްކޭނެކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުގައި މަޖިލިސްތަކުގެ މެންބަރުންނާއި ރައީސާއި ބައްދަލުނުކުރެވި ގިނަ ދުވަސްވެފައި އެބަހުރިކަމަށާއި، މެންބަރުންނާއި ސަރުކާރާ ދެމެދު މައްސަލަތައް ދިމާވަނީ އެހެންވެގެން ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ވިހި ވަނަ މަޖިލިސްގެ މެމްބަރުން ހުވާކޮށް ޖަލްސާތައް ފަށާނީ އަންނަ އަންގާރަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން