މިފަހުން ބޭއްވި ބޮޑެތި އިންތިހާބުތަކުގައި އެމްޑީޕީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައިވާތީ އެކަން އެހެންވާން ދިމާވާ ސަބަބު ދެނެގަތުމަށް އާންމުންގެ ހިޔާލު ހޯދަން ފަށައިފިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ދިމާވި ނާކާމިޔާބީއަށްފަހު ދެން އެމްޑީޕީން ކުރިމަތިލީ މަޖިލިސް އިންތިހާބާއެވެ. 92 ދާއިރާއެއް ހިމެނޭ މަޖިލީހުގެ އިންތިހާބުންވެސް އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑިއެވެ.

އެއާއިއެކު އެ ޕާޓީގެ ގައުމީ މަޖިލީހުންވަނީ އެކަން އެހެން ދިމާވާން މެދުވެރިވި ސަބަބު ހޯދުމަށް ދިރާސާއެއް ކުރުމަށް ނިންމާފައެވެ.

އެގޮތުން މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބު ވީގޮތް ދެނެގަތުމަށް ދިރާސާކުރާ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.

އަދި މި ކޮމިޓީއަށް މަޢުލޫމާތާއި ހިޔާލު ހުށައަޅަން ބޭނުންވާ މީހުން އެމްޑީޕީގެ މެއިލް އެޑްރެސްއަށް ހިޔާލާއި މައުލޫމާތު ހުށައެޅޭނެ ކަމަށް ބަޔާނުގައިވެއެވެ.

ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީތަކާއެކު ލީޑަރޝިޕް އިސްތިއުފާ ދިނުމަށް ގިނަބަޔަކު ގޮވާލި ނަމަވެސް ލީޑަރޝިޕް ތިބީ ބަލިވާ ކޮންމެ ފަހަރަކު އިސްތިއުފާ ދީފައި ފިލާގޮތަށް ނޫންކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލްވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން