ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޒިޒާންގް އޮޓޮނޮމިކް ރީޖަންގެ ރައްޔިތުންގެ ފަރާތުން 1500 ޓަނުގެ މިނަރަލް ވޯޓަރ ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަދިޔާ އާއި ދިވެހިރާއްޖޭގެ ފަރާތުން ހަވާލުވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ. މި ހަދިޔާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިން އެވެ.

ޗައިނާ އިން ހަދިޔާކުރި މިފެން ބަހާނީ ބޯފެނުގެ ދަތިކަން ޖެހޭ ދުވަސްވަރު ބޭނުންކުރުމަށް ރާއްޖޭގެ އެކި ރަށްރަށަށް ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފެނާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ރާއްޖެ އާއި ޗައިނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވައި، ޗައިނާއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ގޮންޖެހުމަކުން އަރައިގަތުމަށް ގާތް ކަމެއް ބަހައްޓަވާ ގައުމެއްކަމަށް ފާހަގަކުރައްވާފައިވެއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވަނީ ޗައިނާގެ ޒިޖަންގް އޮޓޮނޮމިކް ރީޖަންގެ ރައްޔިތުން ދިން ފެނުގެ ހަދިޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރާއި، ޗައިނާގެ ރައްޔިތުން، ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި، އޯގާތެރިކަމާ، ރާއްޖެއަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ޒަމީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން