ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު
މި ދެތިން ދުވަހު ސަރުކާރުގެ މަގާމުތަކަށް އަންނަމުންދާ ކުއްލި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތެއްކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ މިހެން ވިދާޅުވެފައިވަނީ ސަރުކާރާއި ކުންފުނިތަކުގެ ބޭފުޅުން ވަކިކޮށް އަދި ބަދަލުކުރަމުންދާތީ އެކަމުގައި ކޮރަޕްޝަނާއި އެހެން މައްސަލަތައް ހިމެނޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިކަމާ ގުޅިގެން ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރު ހިންގުމުގައި ފަސޭހަވާގޮތަށް ކަންކަން ބައްޓަން ކުރަން އެމަނިކުފާނަށް ބާރު ލިބިގެންވާ ކަމަށެވެ. އަދި ކުންފުނިތަަކަށާއި ވުޒާރާތަކަށް ބޭފުޅުން އައްޔަނުކުރުމާއި ބަަދަލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

"އެގޮތުގެ މަތިން ސަރުކާރުގެ ހިންގެވުމުގައި އެމަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި ކުރައްވަން ޖެހޭ ކަންތައްތައް އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެ އެއީ އިނގޭތޯ އެ ސުވާލުގެ ޖަވާބަކީ،" ހީނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ސަރުކާރުގެ މަގާމުތަކަށް ގެންނަވަމުންދާ ބަދަލުތަކާ ގުޅޭ ގޮތުގެ އިތުރު ތަފްސީލެއް ހީނާ ހާމަކުރައްވާފައެއް ނުވެއެވެ.

ސަރުކާރުގެ މަގާމުތަކާއި ކުންފުނިތަކުގެ މަގާމުތަކަށް ބަދަލުތައް އަންނަމުންދާއިރު މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުވެސް މަގާމުން ވަކިކޮށް ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ އައްޔަނުކޮށްފަ އެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު އެމަގާމުން ވަކިކޮށްފައި ވާއިރު ރޭ ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރު ވެސް ވަކިކޮށްފަ އެވެ.

އޭގެ އިތުރުން ހެރިޓޭޖްއާއި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކުވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން