20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އޭނާ އަށް ކުރެއްވި އިތުބާރު ދުވަހަކުވެސް ހަދާން ނައްތައިނުލައްވާނެ ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަބުދުއްރަޙީމް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އޭނާ ހަމަޖެއްސުމަށް ޕީއެންސީގެ އިންތިހާބީ މެމްބަރުން ނިންމުމާއި ގުޅިގެންނެެވެ. މުލީއާގޭގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އަބުދުއްރަޙީމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން ހުށައެޅުއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރަށްވަމުން ޢަބުދުއްރަޙީމް ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ޕީޕީއެމް/ޕީއެންސީ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވުނު ކަމަށެވެ. އެ މަސައްކަތުގެ އަގު މިއަދު ރައީސް ވަޒަން ކުރައްވާފައިވާ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަބުދުއްރަޙީމް ވިދާޅުވީ، އޭނާއާ އެކު މަސައްކަތް ކުރި ސިޔާސީ ލީޑަރުންގެ ތެރެއިން ކުރާ މަސައްކަތުގެ އަގު އެންމެ ބޮޑަށް ވަޒަންކުރައްވަނީ ވެސް ރައީސް މުއިއްޒު ކަމަށެވެ. އެމަނިކުފާނަކީ މީހުން ގޮވަައިގެން މަސައްކަތް ކުރަން ދެނެވަޑައިގަންނަވާ މަޝްވަރާގެ އުސޫލުން ކަންކަން ނިންމަވާ ބޭފުޅެއް ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

"ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔަކަށް އަޅުގަނޑު އިހުތިޔާރުކުރައްވާ އަޅުގަނޑަށް ކުރެއްވި އިތުބާރު އެއީ އިރާދަކުރެއްވިއްޔާމުން ދުވަހަކު ވެސް އަޅުގަނޑު ހަނދާން ނައްތާލާނެ ކަމެއް ނޫން." ރައީސްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޢަބުދުއްރަޙީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ހުރިހާ ބޭފުޅުންނާއި މުލީއާގޭގައި ބައްދަލުކުރަށްވާފައެެވެ. އެބައްދަލުވުމުގައި މަޖިލީހުގެ ރައީސް ކަމަށް ޢަަބުދުއްރަޙީމްގެ އިތުރުން ނާއިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ނާޒިމް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

20 ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރާގޮތަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން