އީރާނުގެ ރައީސްގެ ޖަނާޒާގައި ރައީސްގެ ޚާއްޞަ މަންދޫބު ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ: ޖަނާޒާގެ ލައިވް މަންޒަރު)
އީރާނުގެ ރައީސްގެ ޖަނާޒާގައި ރައީސްގެ ޚާއްޞަ މަންދޫބު ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ: ޖަނާޒާގެ ލައިވް މަންޒަރު)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބު އީރާންގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރައްވައިފިއެވެ.

އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރެވެ. މިރަސްމިއްޔާތުގައި އާދަމް ޝަރީފް ވަނީ އީރާނުގެ ވަގުތީ ރައީސް އާއި ބައްދަލުކުރަށްވާފައެވެ.



ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގައި އަވަހާރަވި އީރާނުގެ ރައީސް އިބްރާހީމް ރައީސީއާއި، އެހެން ބޭފުޅުންގެ ޖަނާޒާ ބާއްވާފައި ވަނީ އެޤައުމުގެ ވެރިރަށް ޠަހްރާންގައެވެ. ކަށު ނަމާދު އިމާމުވެ ކުރައްވާފައި ވަނީ އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންއީއެވެ.

އީރާނަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅު އެ ޤައުމުގެ ސަރުކާރާ ރައްޔިތުންނަށް ދިވެހި ސަރުކާރުން ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. އަދި މިހިތާމައިގައި ބައިވެރިވުމުގެ ގޮތުން ދިވެހި ގައުމީ ދިދަ ތިން ދުވަސްވަންދެން ބައިދަނޑި އަށް ތިރިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެެ.

ރައީސީގެ ޖަނާޒާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުގެ އިސްވެރިންނާއި، ޖަމުޢިއްޔާ އަދި ޖަމާޢަތްތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާން އަވަހާރަވީ އެދެބޭފުޅުން ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާގައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން