އީރާނުގެ ރައީސް ޑޮކްޓަރ އިބްރާހީމް ރައީސީއާއި އެގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް އަވަހާރަވުމާ ގުޅިގެން އެ ބޭފުޅުންގެ އާއިލާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އިރާނުގެ ރައީސްއާއި އިސް ބޭފުޅުން އަވަހާރަވީ އެ ބޭފުޅުން އިއްޔެ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިގެން ނެވެ. އެ ހާދިސާގައި ފޮރިން މިނިސްޓަރު އަބްދުﷲހިއާން ވެސް އަވަހާރަވި އެވެ.

ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ އެ ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

އަދި ރައީސްއާއި ސަރުކާރުގެ އިސް ބޭފުޅުންގެ ފުރާނަ ފުޅަށް ރަހުމަތް ލައްވައި އެ ބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިރާނަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅު އަޅުގަނޑުމެން ވެސް ހެޔޮ ދުއާކުރަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިރާނުގެ ރައީސް އަވަހާރަވިކަން ހާމަކުރީ ހެލިކޮޕްޓަރ ވެއްޓުނުތާ އެތައް އިރެއް ފަހުން ނެވެ. މީގެ ކުރިން އީރާންގެ ރަސްމީ މީޑިއާއިން ބުނީ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ މޫސުން ގޯސްވެގެން ކުއްލިއަކަށް "ހާޑް ލޭންޑިންގ" އެއް ކުރީ ކަމަށެވެ.

އިރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހަބަރާއެކު ވެސް ރައީސް މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން