މާބަނޑު މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާކަން ފުލުހުން ހާމަކޮށްފި އެވެ.

އެކަން ހާމަވީ އަނިޔާ ލިބޭ ކަމަށް ބުނާ މާބަނޑު އަންހެން މީހާ އެކްސްގައި ކުރި ޕޯސްޓަކުން ނެވެ.

އެކްސްގައި އޭނާ ބުނީ އެކަން ޝޯޝަލް މީޑިއާގައި ހިއްސާކުރަން ޖެހުނީ އާއިލާއިން އޭނާއަށް ދެމުންދާ އަނިޔާތަކަށް ކެތްނުވެގެން ކަމަށެވެ.

އެގޮތުން އޭނާގެ ގޭގެ މީހުންނާއި ބައްޕަ އާއި އުމުރުން 18 އަހަރު ނުވާ ކޮއްކޮ އަނިޔާ ކުރަމުންދާ ކަމަށާއި ބަނޑުގައި ތަޅައި ބޯ ވެސް ތަންތަނުގައި ޖައްސައި އަނިޔާ ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

އަނިޔާ ލިބޭ ކަމަށް ބުނާ މީހާ ވަނީ އޭނާގެ ހަށިގަނޑަށް ލިބިފައި ހުރި އަނިޔާތައް ފެންނަ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.

"އިންސާފެއް ލިބޭނެބާ ގޭ މީހުން މިކުރާ އަނިޔާއަށް. އަހަންނަށް އެހީވެދީ." ފުލުހުންގެ އިދާރާ ޓެގްކޮށް ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

އެ ޕޯސްޓަށް ޖަވާބު ދެއްވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު