ރާއްޖޭން ބޭރުގައި ކުޅިވަރާއި ގުޅުންހުރި ދާއިރާތަކުން ތަމްރީން ދިނުމަށް ފުރުސަތު ލިބިފައިވާކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުގެ ކޮންފަރެންސް ރޫމުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރާފިއު ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި، ކުޅިވަރު ކުރިއަރުވަން ބޭނުންވާ ސަޕޯޓިންގ ސްޓާފުން ތަމްރީނު ކުރުމަށް ބޭނުންވާ ސްކޮލަރޝިޕް ލިބޭނެ އިންތިޒާމުތައް ރާއްޖެއިން ބޭރުން މިހާރު ހަމަޖެހިފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ލޯންގް ޓާމް ޕްލޭނާ އިންވެގެން އެއާ އެއްގޮތަށް ކުރިއަށް ގެންދަން މަސައްކަތްކުރާ މަސައްކަތް ތަކުގެ ތެރޭގައި ބޭރު ގައުމު ތަކުގެ އެހީ ހޯދައިގެން މިހާރުން މިހާރަށް ވީހާވެސް އަވަހަށް ރާއްޖެއަށް ބޭނުންވާ ތަމްރީނުތައް ބޭރުގައުމުތަކުންނާއި ރާއްޖެއިންވެސް ހޯދުން. މިގޮތުގެ މަތިން މިދިޔަ ދެތިން ހަތަރު މަހެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން އަޅުގަނޑުމެންނަށް ވަރަށް އުއްމީދީ ޖަވާބުތަކެއް ބޭރުގެ ފަރާތްތަކުން ލިބިފަ މިވަނީ. އޭގެ ތެރޭގައި މެލޭޝިއާއިން ކުޅިވަރު ކުރިއަރުވަން ބޭނުންވާ ސަޕޯޓިންގ ސްޓާފުން ތަމްރީނު ކުރުމަށް ސްކޯލާޝިޕް ލިބޭނެ މަގު ވަނީ އިރާދަކުރެއްވިއްޔާ ހަމަޖެހިފަ." މިނިސްޓަރ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސްޕޯޓްސް ނިއުޓްރިޝަން، ސްޕޯޓްސް ފިޒިޔޯތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ކޯޗުން ތަމްރީން ކުރުމަށް މެލޭޝިއާއިން ފުރުސަތު ލިބިފައިވާކަމަށެވެ. އަދި މެލޭޝިއާއިން ސްކޯލާޝިޕް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމެއް މިހާރު ޑްރާފްޓްކުރެވި ބަންޑާރަ ނައިބްގެ އޮފީހުން ލަފާ ހޯދުމަށް ފޮނުވާފާއި ވާނޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މެލޭޝިއާގެ އިތުރުން ކިއުބާއިންވެސް ކުޅިވަރުގެ މެޑިކަލް ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިތަމްރީނުތަކުގެ ތެރޭގައި ހައި ޕާރފޯމަންސް ސެންޓަރުތަކުގައި ހުންނަ މެޝިނުތައް ބޭނުން ކުރަން ތަމްރީނުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ރާފިއު ވިދާޅުވިއެވެ.

މީގެއިތުރުން، ފްރާންސްގެ އެމްބެސެޑަރާއި ބައްދަލުކުރައްވާ ފްރާންސްގައި ރާއްޖޭގެ މެޑަލް ހާސިލް ކުރެވޭނެ އެތްލީޓުންނަށް ހާއްސަ ތަމްރީނުތައް ދިނުމުގެ މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ރާފިއު ވިދާޅުވިއެވެ. އަދި ލަސްނުވެ މިކަންކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު