އިންޑިއާއިން ދޭ އެހީއަށް ޝުކުރުވެރިވާ ކަމަށާއި އެކަމަކު އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިޝް މިމޭރުމުން ވިދާޅުވީ ބަޖެޓް ސަޕޯޓަށް އިންޑިއާއިން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދިންކަން ހާމަކޮށް އިންޑިއާގެ ހައިކޮމިޝަނުން ކުރި ޓުވީޓާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ފާރިޝް ވިދާޅުވީ ރާއްޖޭގެ ހަރަދުތައް ހަމަޖެއްސުމަށް އިންޑިއާއިން ދޭ އެހީ ބަލައިގަންނަ ކަމަށާއި އަދި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.

އެހެން ނަމަވެސް ބޭރު ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށް ފާރިޝް ވިދާޅުވި އެވެ.

"ކޮންމެ އަހަރަކު ސަލާން ޖަހަން ނާށިގަނޑު ހިފައިގެން ގޮސް ބަޔަކު ލާރި ދިނުމަކީ އުފާފާޅުކުރަން ޖެހޭ ކަމެއް ނޫން." ފާރިޝް ވިދާޅުވި އެވެ.

ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ދިން 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން ފަސްކޮށް ދީފައި ވަނީ ދާދިފަހުން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޑރ އެސް ޖޭޝަންކަރާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

2019 ވަނަ އަހަރު ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު