އިސްލާހީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިނުގެންނެވި ނަމަވެސް ސިޔާސީ ކަންކަމުގައި އަދި އަބަދުވެސް ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

އެގޮތުން އިންސާނީ ހައްގުތައް ރާއްޖޭގައި ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ހެޔޮ ވެރިކަމެއް ރާއްޖޭގައި އަށަގެންނެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ޑިމޮކްރެސީގެ ރަނގަޅު ހަމަތައް ރާއްޖޭގައި ގާއިމުކުރުމަށް އެތަކެއް ޒަމާނުއްސުރެ ކުރެވޭ އިސްލާހީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އަަސްލަމް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އުފެދުނީންސުރެ މިއަދާ ހަމައަށް މި ވޭތުވެދިޔަ 92 އަހަރުތެރޭ އެންމެ ގިނަ މަސައްކަތްތައް ކުރެވުނީ ނިމިގެން މިދާ 19 ވަނަ މަޖިލީހުގައި ކަމަށެވެ. އަަސްލަމް ވިދާޅުވީ މި ދައުރުގައި 530 ޖަލްސާއާއި، 3،784 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގައި 178 ބިލާއި، 73 ގަރާރުގެ މަސައްކަތް ކުރި ކަމަށާއި ސަރުކާރުން ހުށަހެޅި 152 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅި 104 މައްސަލައެއްގެ އިތުރުން މެންބަރުން ހުށަހެޅި 48 މައްސަލައެއް ބަލައި އެ މަސައްކަތް ކޮށްފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ބަޖެޓުތައް ފާސްކުރުން ފަދަ ގިނަ މަސައްކަތްތަކެއް މި ދައުރުގައި ކޮށްފައިވާ ކަމަށް މަޖިލީހުގެ އެންމެ ގިނަ ދުވަސް ވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި 93 ބޭފުޅުން މެމްބަރުކަމުގެ ހުވާ ކުރެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު