ރާއްޖެއިން ބޭރަށް 10،000 ޑޮލަރަށްވުރެ ގިނައިން ނަގުދު ފައިސާ ގެންދާނަމަ އެ ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްތޯ ޔަގީންކުރަން ދެން ހިފަހައްޓަން ނިންމާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ހޯމް މިނިސްޓްރީއާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވީ، ރާއްޖޭން ބޭރަށް ބޮޑެތި އަދަދުތަކުން ފައިސާ ބޭރުކުރުން މީގެކުރީން އޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށެވެ.

އެހެންކަމުން މިސާލަކަށް ބައެއް ބިދޭސީން އާދައިގެ މަގާމެއްގައި ރާއްޖޭގައި މަސައްކަތް ކުރަމުން ދެތިން ލައްކަ ޑޮލަރު ހިފައިގެން ބޭރަށް އެބަ ދާކަމަށް އިހުސާން ވިދާޅުވިއެވެ.

ނަމަވެސް މިހާރު ކޭޝް ޑިކްލެރޭޝަންގެ އުސޫލުތައް އަލުން ހަރުދަނާކޮށް އެ ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްތޯ އަހައި ކަށަވަރުކޮށް ބަލަން ފަށާފައިވާކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ދިވެއްސަކު ވިޔަސް، ބޭރު މީހަކު ވިޔަސް ރާއްޖެއިން ބޭރަށް، 10،000 ޑޮލަރަށްވުރެ މަތިން ޑޮލަރު ހިފައިގެން ދާ ކަމަށް ވެއްޖެޔާ، އެއީ ދިވެހި ފައިސާ އަދި ބޭރު ފައިސާއަށް ވިޔަސް އެ ގެންދާއިރުގައި އެ ހިފަހައްޓައިފައި އެއީ ކޮންތާކުން ކިހިނެއް ލިބުނު އެއްޗެއްތޯ ގާނޫނީ އިމުގެ ތެރެއިން ބަލާނެ ކަމަށެވެ.

އަދި އެ ކަންކަމަށް ބަލާފައި އެ ޑިކްލެރޭޝަން ނިމުނީމަ ނޫނީ އެ ފައިސާ ދޫ ނުކުރާނެކަމަށް އިހުސާން ވިދާޅުވިއެވެ.

ސައްހަ ސަބަބެއް ނެތި ބިދޭސީންގެ އިތުރުން ގިނަ އަދަދަކަށް ފައިސާ ބޭރުކޮށް ހަދާ އުޅެނީ ގިނައިން މަނީލޯންޑްރީގެ މައްސަލަތަކާއި ގުޅުން އޮންނަ ފަރާތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު