ކައުންސިލް އިދާރާގެ އާ އޮފީސް އިމާރާތްތައް އަޅާނެ ރަށްތައް މި މަސް ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް ސިޓީތަކާއި ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން ރޭ ގެނެސްދިން ޕްރޮގްރާމްގައި އާދަމް ޝަރީފް ވިދާޅުވީ މިހާރު ހިނގަމުންދަނީ އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައަޅުމާ ގުޅޭ މަޝްވަރާތައް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމަށްޓަކައި މިހާރު ހާއްސަ އުސޫލެއްވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެ އުސޫލަށް ރިއާޔަޔްކޮށް މި މަސް ނިމުމުގެ ކުރިން އާ އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައެޅޭނެ ކަަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޮފީސް އިމާރާތްތައް މިފަހަރު އަޅާއިރު އަޅާނީ އެކަށީގެންވާ ޖާގައާއި ޒަމާނީ ވަސީލަތްތައް ހިމަނައިގެން ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމުކުރެވޭނެ ގޮތަށެވެ.

"ކައުންސިލް އިދާރާތައް ބާވުމުގެ އިތުރުން ލާމަރުކަޒީ ނިޒާމް ތައާރަފް ކޮށްފައި ވަނީ ފުޅާ ދާއިރާއެއް ގައި މަޝްވަރާ ކޮށްގެނެއް ނޫން. ނަތީޖާއަކަށްވީ އެއްވެސް ވަރެއްގެ ޖާގައެއް އޮފީސް އިމާރާތުގައި ނެތި މަސައްކަތް ކުރަން ޖެހުން. އަދި އިންސާނީ ވަސީލަތްތައް އިތުރުކުރެވޭނެ ގޮތް ނެތުން. މި ޒަމާނުގައި ބޭނުންވާ ޓެކްނޮލަޖީ ވަސީލަތްތައް އިތުރުކުރެވޭނެ ޖާގައެއް ނެތް." މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭގައި 50 ރަށެއްގައި ކައުންސިލް އިދާރާގެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އެއްފަހަރާ ފައްޓަވާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު މި އަހަރު ވަނީ ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު