ފަލަސްތީނަށް އދގެ ފުރިހަމަ މެމްބަރު ކަން ދިނުމަށް އެޖަމިއްޔާއިން މިރޭ ފާސްކުރި ގަރާރަކީ އެގައުމުގެ މިނިވަން ކަމަށް ކުރާ މަސައްކަތަކަށް ލިބުނު ތާރީހީ ކާމިޔާބެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރަށްވައިފިއެވެ.

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އދ.ގެ އާންމު މަޖިލީހަށް ހުށައެޅި ގަރާރު މިރޭ ވަނީ ފާސްކޮށްފައެވެ. ރާއްޖެއިން ކޯ ސްޕޮންސާކޮށްފައިވާ އެ ގަރާރު އާންމު މަޖިލީހުން ފާސްކުރީ 143 ގައުމެއްގެ ވޯޓާއެކުއެެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވަނީ ވޯޓް ދީފައެވެ. އެ ވޯޓްގައި 25 ގައުމަކުން ބައިވެރިވެފައެއް ނުވެއެވެ.

އދ.ގެ އާންމު މަޖިލީހުން މިރޭ ފާސްކުރި ގަރާރާއި ބެހޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތަކަށް ލިބުނު ތާރިހީ ކާމިޔާބެއް ކަމަށެވެ.



އެގޮތުން ފަލަަސްތީނުގެ މިނިވަން ކަމަށްޓަކައި އެގައުމުން މަސައްކަތް ކުރަމުންދާ އެތައް ޒަމާނެއް ވެފައިވާ ކަަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަކީ، ފަލަސްޠީނުގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ޒަމާނުއްސުރެ ކެތްކުރަމުން އަންނަ ބަޔެެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ރައްޔިތުން ހިތްވަރު ލިބިގަންނަނީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވަނީ ފަލަސްތީނަށް އދގެ ފުރިހަމަ މެމްބަރުކަން ލިބޭ ގަރާރު ފާސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ލިބުނު ފުރިހަމަ އެއްބާރުލުމާ ތައުރީފު ކުރައްވާފައެވެ.

އެމަނިކުފާނު މިރޭ ވެސް ވަނީ 1967 ވަނަ އަހަރުގެ ކުރީގައި އިން ވަކި ކޮށްދީފައި އޮތް ގޮތަށް އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ރާއްޖޭން އަބަދުވެސް ކުރާ ވަކާލާތުގައި ދެމިތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފައެވެ.

އދ. ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ހުށައެޅި ގަރާރުގައި ބުނެފައިވަނީ ފަލަސްތީނަކީ އދ.ގެ މެމްބަރަކަށް ވުމަށް ޝަރުތުހަމަވާ ގައުމެއް ކަމަށާއި އދ.ގެ އެހެން ގައުއުމުތަކުގެ ބޮޑު ތާއީދެއް މި ކަމަށް އެބައޮތް ކަމަށެވެ.

ފަލަސްތީނަކީ މިހާރު އދ.ގެ 'އޮބްޒާވާ ސްޓޭޓަސް'ގެ ގައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު