ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އެޖަމިއްޔާގެ އާންމު މަޖިލީހުން ހުކުރު ދުވަހު ފާސްކޮށްފި އެވެ.

އދ.ގެ އާންމު މަޖިލީހުގައި ނެގުނު ވޯޓުގައި އެގޮތަށް ފާސްވީ 143 ގައުމެއްގެ ތާއިދާއެކުއެވެ. އެގޮތުން 143 ގައުމުން ވަނީ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ވޯޓްދީފައެވެ. ނުވަ ގައުމަކުން އެ ކަމާ ދެކޮޅަށް ވޯޓް ދީފައިވާއިރު 25 ގައުމަކުން މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މިއަދު ފާސްކުރެވުނު މި ގަރާރު ރާއްޖެއިންއިން ވަނީ ކޯ ސްޕޮންސަރ ވެސް ކޮށްފައެވެ. މި ގަރާރު ފާސްވުމާއެކު އދ.ގެ އާންމު މަޖިލީހުން ވަނީ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ހެދުމަށް ހުށަހަޅައިފައި އޮތް ހުށަހެޅުން މުރާޖާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.

އދ.ގެ މެމްބަރުންގެ ގޮތުގައި މިހާރު 193 ގައުމެއް ހިމެނެއެވެ. ފަލަސްތީނަށް މެމްބަރުކަން ލިބުމުން އެއަދަދު 194ވަނަ ގައުމަށް ބަދަލުވެގެންދާނެ ކަން ފާހަގަކުރެވެއެވެ.

މިދިޔަ މަހު 18ގައި ވެސް ފަލަސްތީނަށް އދ.ގެ މެމްބަރުކަން ފުރިހަމައަށް ދޭން އދ.ގެ އާންމު މަޖިލީހުން މަސައްކަތް ކޮށްފައިވެއެެވެ. އެހެން ނަމަވެސް އެމެރިކާއިން، އެ ދުވަހު ނެގި ވޯޓު ވީޓޯކުރުމުގެ ސަބަބުން އެ މަސައްކަތް ނާކާމިޔާބުވީއެވެ.



ކިޔުންތެރިންގެ ހިޔާލު