ސިއްޙީ ފަރުވާއާއި ގުޅުންހުރި ކަންކަމުގައި ޙަޤީޤަތް ނުބަލައި ޚަބަރު ނުފެތުރުމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޑޮކްޓަރުންނަށް އަމާޒުކޮށް، ސިއްހީ ޚިދުމަތްތެރިންގެ އަގު ވެއްޓޭހެން އެ މީހުންގެ ފޮޓޯ މީސްމީޑިއާގައި ޙިއްސާކުރުމާއި، ސިއްހީ ޚިދުމަތުގެ އިތުބާރު ގެއްލޭ ގޮތަށް މީސްމީޑިއާގައި ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޭގެ އިތުރުން ސިއްޙީ ޚިދުމަތްތެރިންނާމެދު އެއްވެސް ހަގީގަތެއްނެތް ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރުކުރާނީ މުޖުތަމައުގައި ސިއްހީ ޚިދުމަތް ބޭނުންވާ އާންމު ރައްޔިތުންނަށް ކަމަށާއި އަދި އެއީ ސިއްހީ ޚިދުމަތާމެދު އޮންނަ އިތުބާރު ގެއްލި، ރާއްޖެއިން ލިބޭ ފަރުވާ ހޯދަންވެސް ބޮޑު ޚަރަދުކޮށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މިހާރުވެސް ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތަށް އެތައް ގޮންޖެހުމެއް ހުރިކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ބުނީ އޭގެ ސަބަބުން އެ ޚިދުމަތްތެރިންގެ ހިތުގައި އިތުރު މާޔޫސްކަމެއް އުފެދި ރަނގަޅު ޚިދުމަތްތެރިން ޚިދުމަތުގައި ދަމަހައްޓަން ދަތިވާނެ ކަމަށެވެ.

"ވީމާ ސިއްހީ ފަރުވާއާ ގުޅުންހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އެނގިހުރެ، ހަގީގަތް ރަނގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށާއި ސިއްހީ ޚިދުމަތް ދޭ ފަރާތްތަކުން އެ މީހުންގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެއްވުމަށް ވެސް މި ފުރުސަތުގައި ގޮވައިލަމެވެ." އެ ބަޔާނުގައިވެއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު ޑޮކްޓަރުން ދޭ ޚިދުމަތް ދިފާއުކޮށް އައިޖީއެމްއެޗުންވެސް ދާދިފަހުން ވަނީ ބަޔާނެއް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން