ދެހާސް އެކާވީސް ވަަނަ އަަހަރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ތިން އަހަރުވީ އިރު ވެސް އެމަނިކުފާނަށް އިންސާނު ނުލިބޭތީ ދަ ޑިމޮކްރެޓްސް ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން މިވަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތުލިބިދީފައި އޮތުމަކީ އެ ޕާޓީން ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރި ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނިކޮށް އެއާވިދިގެން ވެސް އެމަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުން ތަކުރާރުކޮށް ކުށްވެރިކުރާ ކަމަށެވެ.

އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް ވެސް ޑިމޮކްރެޓްސްއިން ބުނެއެވެ.

"އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި "ނޯމަލައިޒް" ކުރުމުގެ އަމަލެއްކަމުގައި ދަ ޑިމޮކްރެޓްސް އިން ދެކެމެވެ. ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދަ ޑިމޮކްރެޓްސް އިން ގޮވާލަމެވެ." ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލަ ދިނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ.

ބޮމުގެ އެ ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވި ނަމަވެސް، ރޭޒާފުއްތައް ހަށިކޮޅުގެ އެތަން މިތަނަށް ވަދެ ޒަހަމްވެފައި ވުމުން ކްރިޓިކަލް ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރަންޖެހުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން