ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އިތުރަށް މަސައްކަތް ކޮށްދިނުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އޯއައިސީ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި އިސްލާމިމް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި އިއްޔެ ފެށި އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ އިސްލާމިކް ސަމިޓު ގައި މިނިސްޓަރު ޝަހީމު ދެއްކެވި ވާހަކަފުޅުގައި ވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ.

ހަމަ އެެހެންމެ ދެމެހެއްޓެނިވި ސުލްހައަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ޝަހީމް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރު ސަރަހައްދުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ޝަހީމު ގޮވާލެއްވިއެވެ. ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވައި، ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަންވެސް ޝަހީމް ތަކުރާރުކުރެއްވިއެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ.

އިއްޔެ ފެށި އެ ސަމިޓް މިއަދުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" މިއެވެ.

މިއަހަރުގެ ސަމިޓްގައި 14 ވަނަ އިސްލާމިކް ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި ސައުދީއަރަބިއްޔާއިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާ ހަވާލުކޮށްފައެވެ. މި ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއްނިންމުން ހިމަނާފައިވެއެވެ. އޭގެތެރޭގައި ފަލަސްޠީނާއި އަލްޤުދުސް އައް-ޝަރީފްގެ މައްސަލައިގެ ގަރާރަށް ގޮތެއް ނިންމުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން