ނޫސްމީޑިއާތަކަށް ދައުލަތުގެ ބަޖެޓުން އިނާޔަތް ދޭން ފަށާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވީ އިންތިހާބީ ރައީސެއްގެ ގޮތުގައި އެމަނިކުފާނު އެންމެ އިސްކަން ދެއްވި އެއްކަމަކީ، ދިވެހި ނޫސްވެރީންނާއެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެއްސެވުން ކަމަށެވެ.

އެގޮތުން ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާއެކު ބޭއްވި ބައްދަލުވުމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ ބައްދަލުވުންތަކުގައި ނޫސްވެރީން ދެއްވި ހިޔާލުތަކާއި، ފާހަގަކުރެއްވި ކަންކަން ނޯޓުކުރެއްވި ކަމަށެވެ. އަދި ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހި އާމްދަނީއެއް ހޯދަން އޮތް ދަތިތައް ކަމަށެވެ.

"ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް އަޅުގަނޑުމެން ވާނީ އިސްނަގައިފައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ޙަޤީޤީ ކުލަ ޖައްސާނަމެވެ."ރައީސް ވިދާޅުވި އެވެ.

އަދި ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ހަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު