ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ރާއްޖޭގެ ހެޕިނަސް އިންޑެކްސް ކަނޑައަޅަން މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖެ ވެސް ކުރިއަރަމުން އަންނައިރު ދިވެހިރާއްޖޭގެ ރައްތަކުގެ ހާލަތު ދެނެގަތުން މުހިންމު ކަމަށާއި، އެހެން ކަމުން ރާއްޖޭގެ ހެޕިނަސް އިންޑެކްސް ކަނޑައަޅަން މަސައްކަތް ފެށިފައިވާކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖެ ވެސް މިދަނީ ތަރައްގީވެ ކުރިއަރަމުން. ކުރިއަރަމުން އަންނައިރު ރައްޔިތުން ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ރައްޔިތުން އުއްމީދު ކުރާ ގޮތާއި، ރާއްޖޭގައި މިއޮތް ކޮންމެ ރަށެއްގެ ހާލަތާއި، އެކަންކަން ދެނެގަނެވޭނެ ގޮތަކާއި، ކޮންމެ ރަށެއްގެވެސް އެރަށެއްގައި ދިރިއުޅޭ ކޮންމެ ބަޔަކަށްވެސް އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ އެހެން ފަރާތްތަކަށްވެސް، މީގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ރާއްޖޭގެ އެކި ރަށުގެ ހާލަތު އެރަށެއްގެ ކަންކަން ހުރި ނެތްގޮތް ދެނެގަނެވޭނެ ގޮތެއް ވުމަކީ މުހިންމު ކަމެއް ކަަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީވެ، ސަރުކާރުގެ ފަރާތުން އިހުތިޔާރު ކުރެވިފައިވަނީ މާނަ ހުރި ގޮތެއްގައި ރާއްޖޭގެ ރައްތަކުގެ އުފާވެރިކަން ނުވަތަ ހެޕިނަސް އިންޑެކްސްގެ ނަމުގައި އަޅުގަނޑުމެން ހާއްސަ މަސައްކަތެއް ފައްޓައިގެން ކުރިއަށް ގެންދަން."

ޝަރީފް ވިދާޅުވީ މިމަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ ރައްރަށުގައި ދިރިއުޅޭ ފަރާތްތަކުން އެރަށްރަށުގެ ހާލަތަށް ބަލައި، ރައްޔިތުންނަށް ލިބޭ އުފާވެރިކަން މިންކުރާ ގޮތް ދެނެގަނެ، ރަށްރަށުގެ ހާލަތާއި، އާންމުންގެ ދިރިއުޅުމުގެ ފެންވަރު އެނގިގެެންދާނެކަމަށެވެ. އެގޮތުން މިމަސައްކަތަކީ ގިނަބަޔަކު ގުޅިގެން، ރާއްޖޭގެ ގިނަ ފަރާތްތަކަކާއި މަޝްވަރާކޮށް، އާންމުންގެ ބައިވެރިވުން ހިމަނައިގެން ކުރިއަށްގެންދާނެ މަޝްރޫޢުއްކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް އިތުރަށް ވިދާޅުވީ މިމަޝްވަރާތަކުގެ ތެރެއިން ތައްޔާރު ކުރެވޭ ހާއްސަ އޮނިގަނޑެއްގެ ތެރެއިން, ރަށްރަށުގެ ހާލަތު ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރު ކުރާ އިންޑެކްސްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް ހާއްސަ އެވޯޑެއްވެއް ދިނުމަށްވެސް ނިންމާފައިވާކަމަށެވެ.

ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ރާއްޖޭގެ ހެޕިނެސް އިންޑެކްސް ކަނޑައެޅުމަށް ބަލާނެ ކަންކަން ނުވަތަ ބަލާނެ މިންގަނޑުތައް ކަނޑައަޅާނީ އާންމުންގެ ލަފާގެ މަތިންކަމަށް އެ ވުޒާރާއިން ބުނެއެވެ. އެގޮތުން މި އިންޑެކްސްގައި ކަނޑައަޅަންވީ ބައިތައް ނިންމުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މިކަންކަން ކުރިއަށްގެންދާނީ ރައްޔިތުންގެ ބައިވެރިވުމާއިއެކު ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށެވެ.

މީގެއިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ހެޕިނަސް އިންޑެކްސް ކަނޑައެޅުމުގައި، އެގައުމެއްގެ ކުށްމަދުވުން، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުން، ސާފުތާރިހުކަން، އެކުވެރިކަމާއި ބަދަހިކަން، އާއިލާތަކުގެ ގުޅުން، ކުޑަކުދިންނަށާއި، އިސްރަށްވެހީންނަށާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުން، މެހެމާނުންނަށް ކަމޭހިތުން، ތަޢުލީމީ ހާލަކަތު، ސިއްހީ ހާލަތު، ހޭލުތެރިކަމުގެ މަދަނީ ހަރަކާތްތައް ހިންގުން، ދީނަށް ލޯބި ކުރުން، ސަގާފަތާއި ތަރިކަ ރައްކާރިކުރަން މަސައްކަތްކުރުމާއި ނިކަމެތީންނަށް އަޅާލުން ފަދަ ކަންކަަމަށް ބަލާކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހެޕިނަސް އިންޑެކްސް ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައިނަލް ކުރެވި، އަންނަ އަހަރު މިކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން