ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން ކުޑަ ފިރިހެން ކުއްޖަކު މާލެ އައި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، މ. ދިއްގަރުން ލޯންޗެއް ގެއްލިގެން އުޅޭމައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި އެ ލޯންޗް ހުޅުމާލެ އެމްޓީސީސީ ފެރީޓާމިނަލް ފަޅު ކައިރީ އޮއްވާ ފެނިފައިވާކަމަށާއި އެކަން ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލަ މިއަދުގެ ވަގުތެއްގައި ވަނީ ނޫސްތަކުގައި ރިޕޯޓުކޮށްފައެވެ. އެ ރަށު ކައުންސިލުން ބުނެފައިވަނީ ލޯންޗްގައި މާލެ ދިޔަ ކުއްޖަކީ 14 އަހަރުގެ ކުއްޖެއްކަމަށެވެ.

އަދި ​އޭނާ ފިލައިގެން ގޮސްފައިވަނީ މިއަދު ހެނދުނު ކަމަށާއި ލޯންޗު ވަގަށް ނަގައިގެން ކުއްޖާ ދިޔަކަމަށް ތުހުމަތުކުރެވެނީ ރަށުގައި އަޅާފައި އޮތް ލޯންޗާއެކު އެ ކުއްޖާ ވެސް ގެއްލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުއްޖާގެ ލޯބިވެރިޔާ އުޅެނީ ހުޅުމާލޭގައި ކަމަށާއި އެ ކުއްޖާ މާލެ އައީ މަންމަގެ ކޭޝް ކާޑާއި ފޯނު އަދި ބައެއް އަންނައުނު ވެސް ހިފައިގެން ކަމަށް ވެސް އެ ރަށުން މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު