ހުރިހާ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށް އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ގޮވާލައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މަސައްކަތުގެ އުޖޫރަ މަތިކޮށް އަދި އެ އުޖޫރައިގެ ހަމަހަކަން ގާއިމްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސިވިލް ސާވިސްގެ ތައުލީމީ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ސިވިސް ސާވިސްގެ ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި މި ކުރިއެރުން ލިބިފައި ނުވާކަންވެސް ނާސިހު ފާހަގަ ކުރެއްވި އެވެ.

ނާސިހު ވިދާޅުވީ އުޖޫރައިގެ ހަމަހަމަކަން ގާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސާވިސްގެ ދާއިރާތަކުން ގާބިލް މީހުން ލިބުމުގެ ދަތިކަން ތަހައްމަލްކުރަންޖެހި އަދި ހިދުމަގުގައި މިހާރުވެސް ތިބި މުވައްޒަފުންނަށް ނުތަވަސްކަމާއި މާޔޫސްކަމާ ކުރިމަލިލާންޖެހިފައިވާ ދުވަހެއް ކަމަށެވެ.

"އެހެން ކަމުން ސިވިލް ސާވިސް ހުރިހާ ފަންތިތަކާއި ގިންތި ތަކެއްގައި ވެސް މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމާއި ހަމަހަމަކަން ގާއިމް ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް މި ފުރުސަތުގައި ނުހަނު އިހުލާސްތެރިކަމާ އެކު ދަންނަވަން،" ނާސިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން