‏ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ‏މީހުންނާއި ތަަންތަނާއި ތަކެއްޗަށް ހާއްސަކޮށް މީހުންގެ ފުރާނަ އާއި މީޑިއާތަކަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދޭ މައްސަލަ ތަކަކީ އެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުން ގެންދާ މައްސަލަ ތަކެއް ކަމަށެވެ. އެގޮތުން މި މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ސައިބާ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެެ.

ފުލުހުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ރާއްޖެ ޓީވީ އާއި ޗެނަލް 13 ގައި ހުޅުޖަހާ އަންދާލާނެ ކަމަށް އިންޒާރުދީފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެެވެ. ފޭކު އައިޑީތަކުން މީޑިޔާތަކަށް ދެމުން ގެންދާ މި އިންޒާރުތައް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މި ޢަމަލު ކުށްވެރިކުރާކަމަށެވެ. އަދި ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާއި މީޑިއާތަކަށްދޭ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ރައީސް އޮފީހުން ބުނީ، ފޮރުވިގެންތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަޙްޤީޤް ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ފަށައިފައިވާކަމަށެވެ. އަދި އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ޤާބިލްކަމެއްގެ ބޭނުން ކޮށްގެން މަސައްކަތްކުރަމުން ދާނެކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން