ވިއްކުން މަނާކުރި އެވަރެސްޓް ބްރޭންޑުގެ ހަވާދު
ވިއްކުން މަނާކުރި އެވަރެސްޓް ބްރޭންޑުގެ ހަވާދު
އިންޑިއާގެ ހަވާދު ބްރޭންޑްތަކަކުން ކެމިކަލްގެ މާއްދާއެއް ފެނިގެން ރާއްޖޭގައި ވިއްކުން މަނާކުރި ދެ ބްރޭންޑުގެ ހަވާދު ޓެސްޓުކުރަން ސާމްޕަލް ނަގަން މިއަދު ފަށައިފި އެވެ.

ރާއްޖޭގެ މީޑިޔާ އަކަށް މަޢުލޫމާތުދެއްވަމުން އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ދިމާވި ދެ ބްރޭންޑު "އެވަރެސްޓް" އާއި "އެމްޑީއެޗް" ގެ ހަވާދު ޓެސްޓު ކުރަން ފަށާފައިވާކަމަށެވެ. އަދި މި ދެ ބްރޭންޑުގެ އިތުރުން އެހެން ވައްތަރުގެ ހަވާދު ވެސް ޓެސްޓުކުރާނެ ކަމަށް އެމްއެފްޑީއޭ އިން ހާމަކޮށްފައިވެއެވެ.

ނަމަވެސް ހަވާދު ޓެސްޓުކުރަން ނަގާ ސާމްޕަލް ފޮނުވާނެ ގައުމެއް އަދި ނުނިންމައެވެ.

"އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑުގެ ގެ ހަވާދު ރާއްޖޭގައި ބޭނުން ކުރުމާއި ވިއްކުމާއި އެތެރެކުރުން މަނާކޮށްފައިވަނީ މި ދެ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި އެތިލިން އޮކްސައިޑް ހުރި ކަމަށް ސިންގަޕޫރްގެ ފުޑް އެޖެންސީ އަދި ހޮންކޮންގުގެ ސެންޓަރ ފޮ ފުޑް ސޭފްޓީން ބުނެފައިވާތީ އެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައި އެތިލިން އޮކްސައިޑަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރަން ބޭނުން ކުރާ ކެމިކަލެއްކަމަށް ބުނެފައިވެއެވެ. އެހެންވެ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ އެމްޑީއެޗާއި އެވަރެސްޓް މަސާލާ އަކީ ރާއްޖެއަށް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުން ކުރާ ބާވަތްތަކެއް ކަމަށެވެ. ނަމަވެސް އެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑް ތަކުގެ ހަވާދުގެ އެއްވެސް މުއާމަލާތެއް ނުހިންގަން އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން