ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިމޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ސިއްޙީ ޚިދުމަތްތައް ހޯދުމަށް މާލެއަށް އޮންނަ ޑިމާންޑް ކުރުމަށްޓަކައި އަތޮޅު ތެރޭގައިވެސް ބައެއް ޚިދުމަތްތައް ފެށުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވީ ސީޓީ ސްކޭންގެ ހިދުމަތާއި، އެމްއާރްއައި ހެއްދުމުގެ ހިދުމަތާއި، ޑައިލިސިސްގެ ހިދުމަތަކީ ކޮންމެ އަތޮޅެއްގައިވެސް ފެށިދާނެ ހިދުމަތެއްކަމަށާއި، އައިޖީއެމްއެޗްގެ ހިދުމަތްތަކަށް ބާރުބޮޑުވެފައި އޮތް މައްސަލަ ހައްލުކުރެވޭނީ އަތޮޅުތަކުގައި އިތުރު ހިދުމަތްތައް ގާއިމުކޮށް، ޑޮކްޓަރުންނާއި ވަސީލަތްތައް އިތުރުކޮށްގެން ކަމަށެވެ.

"މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ." ވަޒީރު މިއަދު ވިދާޅުވިއެވެ.

ޑރ. ޚަލީލް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ގިނަ ބަޔަކު އުޅެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުގައި އެކަނިވެސް ޑައިލިސިސް ހަދާ 150އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އަތޮޅުތަކުގައި ވެސް ގިނަ ބަޔަކު އުޅެއެވެ.

ރާއްޖޭގައި ކިޑްނީ ބަލި އިތުރުވަމުންދާތީ، ކިޑްނީގެ ބަލިތަކަށް ދޭ ފަރުވާގެ ނިޒާމް ރާއްޖޭގައި އަންނަނީ ފުޅާކުރަމުންނެވެ. އެގޮތުން އައިޖީއެމްއެޗުގައި ވަނީ ނޭޝަނަލް ޔޫރޯ އެންޑް ރީޖަނަލް ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން