އިންޑިއާގެ ކުންފުންޏަކުން އުފައްދާ ހަވާދު ތަކެއް
އިންޑިއާގެ ކުންފުންޏަކުން އުފައްދާ ހަވާދު ތަކެއް
ކެމިކަލްގެ މާއްދާއެއް އިންޑިއާގެ ހަވާދު ބްރޭންޑްތަކަކުން ފެނިގެން ރާއްޖޭގައި އެ ބްރޭންޑްތައް މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭއިން) ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ބޭނުން ކުރުމާއި ވިއްކުމާއި އެތެރެކުރުން މަނާކުރި ބްރޭންޑްތަކަކީ "އެވަރެސްޓް" އާއި "އެމްޑީއެޗް" ގެ ހަވާދު ކަމަށެވެ. މި ދެ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި އެތިލިން އޮކްސައިޑް ހުރި ކަމަށް ސިންގަޕޫރްގެ ފުޑް އެޖެންސީ އާއި ހޮންކޮންގުގެ ސެންޓަ ފޮ ފުޑް ސޭފްޓީން ވެސް ބުނެފައިވާތީ ރާއްޖޭގެ ބާޒާރުން ވެސް އެ ބްރޭންޑްތައް ނެގުމަށް އެފްޑީއޭއިން ވަނީ އަންގާފައެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައި ބުނިގޮތުގައި އެތިލިން އޮކްސައިޑަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރަން ބޭނުން ކުރާ ކެމިކަލެކެވެ. އެހެންވެ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ އެމްޑީއެޗާއި އެވަރެސްޓް މަސާލާ އަކީ ރާއްޖެއަށް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުން ކުރާ ބާވަތްތަކެއް ކަމަށެވެ. ނަމަވެސް އެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑް ތަކުގެ ހަވާދުގެ އެއްވެސް މުއާމަލާތެއް ނުހިންގަން އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން