ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ނަގަހައްޓައި ދެމެހެއްޓުމަށް ފޮނަދޫ އަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ރަށެއް ނެތް ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަބުދުއްރަޙީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތަކުން ފޮނަދޫ ދާއިރާއަށް އޭނާ އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ފޮނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބުދުއްރަޙީމް (އަދުރޭ) ވިދާޅުވީ ދިވެހި ދައުލަތް ހިންގަމުން އެތަށް ހާސް އަހަރެއް ވެގެންދިޔައިރު މީގެ ކުރިން ދުވަހަކު ވެސް ސަރުކާރުގެ ކެބިނެޓްގައި ފޮނަދޫ ބޭފުޅަކު ހިމެނިވަޑައިގެންފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ލ. އަތޮޅުގެ ސިޔާސީ ތާރީހު ބަދަލުކޮށް ރާއްޖޭގެ އެންމެ މަތީ ފަޑިން އެ އަތޮޅުގެ މީހުންނަށް ރައީސް މުޢިއްޒު ފުރުސަތު ހޯއްދަވައިދެއްވާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށްވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން." މީގެ ކުރިން ހައްދުންމަތީގެ މެމްބަރު ކަން ދެ ދައުރުގައި ކުރެއްވި ރައީސް މުޢިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބުދުއްރަޙީމް ވިދާޅުވިއެވެ.

މިވަގުތު ހައްދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅަކު ކެބިނެޓްގައި ހިމެނިވަޑައިގަންނަވައެވެ. އެއީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ފޮނަދޫގެ ރައްޔިތުން ދެކެން ބޭނުންވާ ގިނަ ހުވަފެންތަކެއް އެބަހުރި ކަމަށެވެ. އަދި ފޮނަދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައި ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި ސަރުކާރާއެކު ކުރިއަށް ދިޔުމަށް އަބުދުއްރަޙީމް ގޮވާލެއްވިއެވެ.

ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން އަބުދުއްރަޙީމް ވިދާޅުވީ ރައީސް މުޢިއްޒަކީ ގާބިލު، ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމުގައި އެމަނިކުފާނުގެ އިހުލާސްތެރި ނިޔަތް އެބައޮތް ކަމަށެެވެ. އަދި ރަައީސް މުޢިއްޒު ފަދަ ވެރިން ގައުމުތަކަށް މަދުން ނޫނީ ނުލިބޭނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން