ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދުވާފަރު ދާއިރާއަށް މެމްބަރަކު އިންތިހާބުކުރަން ލީ ވޯޓު ކަރުދާސްތައް އަލުން ނުގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ 4 ވޯޓުގެ ތަފާތުން އިންތިޚާބުން ބަލިވި އިބްރާހިމް އަބްދުއްރަހްމާން އެވެ.

އަބްދުލް ރަހްމާންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އީސީއަށް ޝަކުވާ ވެސް ހުށަހެޅި އެވެ.

ނަމަވެސް އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޥޯޓުގެ ނަތީޖާ އަލުން ނުގުނަން ވަނީ ނިންމައިފަ އެވެ،

އީސީގެ އޮފިޝަލަކު ރަސްއަށް ވިދާޅުވީ ހުށަހެޅި ޝަކުވާތަކަކީ ވޯޓު އަލުން ގުނަން ޖެހޭ ވަރުގެ ޝަކުވާތަކެއް ނޫން ކަމަށާއި އެހެންވެ ވޯޓު އަލުން ނުގުނަން ނިންމީ ކަމަށެވެ.

އިބްރާހިމް އަބްދުއް ރަހްމާނަށް ދުވާފަރު ގޮނޑި ނާކާމިޔާބުވި އިރު ދުވާފަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރި ޕީއެންސީގެ މުޙައްމަދު އަލީ ކުރި ހޯދީ އެންމެ ހަތަރު ވޯޓުންނެވެ.

މުހައްމަދު އަލީއަށް 1074 ވޯޓު ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް އަބްދުއް ރަޙްމާނަށް ލިބިފައިވަނީ 1070 ވޯޓެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 20 ވަނަ މަޖިލީހަށް އިންތިހާބުވި 93 މެންބަރުންގެ ދައުރު ފެށެނީ އަންނަ މަހުގެ 28ގަ އެވެ.

މި އިންތިޚާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެޕާޓީގެ ތާއީދާއެކު އެކި ދާއިރާތަކަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި މެންބަރުން ޕީއެންސީއާއި ގުޅުމާއެކު އެޕާޓީ މަޖިލީހުގައި ތަމްސީލު ކުރާނީ ސުޕަރ މެޖޯރިޓީއަށްވުރެވެސް އިތުރު މެންބަރުންނާއި އެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން