މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ނިސްބަތްވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ސަނީފް ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމި ސަބަބު އޭނާ ހާމަ ކުރައްވައިފި އެވެ.

މަޖިލިސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ޓިކެޓް ކާމިޔާބުކޮށް އެ ދާއިރާއަށް ވާދަކުރެއްވީ ޒިފްލީނާ ހަސަން އެވެ.

އެހެން ނަމަވެސް ސަނީފް ތާއިދު ކުރެއްވީ އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަ ކުރެއްވި ކެންޑިޑޭޓް އަބްދުﷲ ޝަރީފް އަށެވެ.

ސަނީފް ވިދާޅުވީ އޭނާ ހުންނެވީ ޕާޓީން އެކަހެރިކޮށްފައި ކަމަށާއި އަދި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކަށް ދައުވަތުވެސް ނުދޭ ކަމަށެވެ. އެހެންވެ ގަސްދުގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ބައިވެރިނުވީ ކަމަށް ބުނާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ،

ތިނަދޫ ދެކުނު ދާއިރާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު ސައުދަތު ޝާކިރު އާއި އަމިއްލަ ގޮތުން ދެ ބޭފުޅަކުވެސް ވާދަ ކުރެއްވި އެވެ. އެއީ ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު އަދި މުހައްމަދު އަލްސަން އެވެ.

ތިނަދޫގެ ގޮނޑި ނެގީ އަލްސަން އެވެ.

ސަނީފް އެމްޑީޕީން އެކަހެރި ކުރިކަމަށް ވިދާޅުވި އިރު މަޖިލިސް އިންތިހާބުގެ ކުރިން މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ވިޕެއް ނެރެފައި އޮއްވައި އެ ވޯޓުގައި ސަނީފް ބައިވެރިވެވަޑައި ނުގެންނެވީ ރިޝްވަތު ނަންގަވައިގެން ކަމަށް ވެސް ރަޖިސްޓްރީ ނުކޮށް ނެރޭ އޮންލައިން ނޫހަކުން ރިޕޯޓްކުރި އެވެ.

ނަމަވެސް އެއީ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހިންގަވާ ނޫހަކުން ރިޕޯޓްކުރި ބުހުތާނު ދޮގެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން