އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިންތިހާބަކުން ބަލިވުމުން އެޕާޓީގެ ލީޑަރޝިޕް ރަޖާލައިގެން ތިބެން ނުވާނެ ކަަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާންޖެހިފައެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރި ދާއިރާތަކުގެ ތެރެއިން އެޕާޓީއަށް ލިބުނީ އެންމެ 12 ގޮނޑިއެވެ. ޖެހިޖެހިގެން ބޮޑު ދެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ޕާޓީގެ ލީޑަރޝިޕްގެ އިސްތިއުފާއަށް ގޮވާލާ އަޑު ވެސް ވަނީ ގަދަވެފައެވެ.

އެކަމަށް އިޝާރަތް ކުރަށްވައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އޭނާ ޕާޓީގެ ޗެއާޕާސަން ކަމުގައި ހުންނެވި ދުވަސްވަރު، 2013ގެ ރިޔާސީ އިންތިހާބާއި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން ނާމިޔާބުވުމުން ޑިމޮކްރަސީގެ ރީތި އުސޫލުން ޒިންމާ ނެގުމަށްފަހު މަގާމުން އިސްތިއުފާ ދެއްވި ކަމަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވީ އިންތިހާބަކުން ބަލިވުމުން ގައުމީ މަޖިލިސް ބާއްވާ ކަމަށެވެ. އަދި އިންތިހާބުން ބަލިވުމުން ޕާޓީގެ ފަރާތުން ނޫސް ކޮންފަރެންސް ބާއްވައި އާންމު މެމްބަރުންނަށް މައުލޫމާތުދީ މެމްބަރުންނަށް ހިތްވަރުދީ ހަދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"ޑިމޮކްރަސީގައި ބަލިވާފަހަރާ ގަދަވާފަހަރު އަންނާނެ؟ ޕާޓީގެ ލީޑަޝިޕް ރަޖާލައިގެން ތިބޭކަށް ނުވާނެ،" ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބަށްފަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލަށް ހޮވުނު މަޖިލީހަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރާއްޖޭގެ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށް މަަސައްކަތް ކުރާ މަޖިލީހަކަށް ވާނެ ކަމަށް އެދޭ ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތުގައި އެމްޑީޕީން ދެމި އޮންނާނެ ކަމުގެ ޔަގީން ކަން އެޕާޓީން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ދަންބރ

25-Apr-2024

ތިއަތާކު ނެތޭ ސިއާސީ ލީޑަރެއް ހުރެގެންތާ ދެން ކަންކުރަންޖެހޭ ގޮތްވެސް އެގޭނީ



ޓްރެންޑިން