ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ދިވެހި ރައްޔިތުން އެކުވެރިވުން ވަރަށް މުހިންމު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ އެކުވެރިކަން ވަރަށް މުހިންމު ކަމަށެވެ. އަދި ދިވެހި ރައްޔިތުން އާކުރަނީ އަމިއްލަ މަސްލަހަތެއް ނޫން ކަމަށާއި އެކުވެރިކަން އާލާ ކުރުމުގެ އަޒުމް ރައްޔިތުން އާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އަޒުމް ރައްޔިތުން އާކޮށްފިނަމަ މީގެ ކުރިން ސަރުކާރަށް ނުވެ ހުރި ކަންކަން ވާތަން، ކުރާތަން ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. ރައީސް ވަނީ އެކުވެރިކަން އާލާ ކުރުމުގެ އަޒުމް ރައްޔިތުން އާކުރަން ހިތު ނިޔަތް ގަތުމަށް ގޮވާލައްވާފައެވެ.

"މި އަޒުމް ރައްޔިތުން އާކުރީމަ އަޅުގަނޑުމެންނަށް މިއޮތްހާ ދުވަހު ނުވެގެން އުޅުނު ކަންކަން ވާތަން ފެންނާނެ، މިއޮތްހާ ދުވަހު އަޅުގަނޑުމެން ބޭނުންވެ ނުވި ކަންކަން އިރާދަކުރެއްވިއްޔާ ވާތަން ފެންނާނީ އަޅުގަނޑުމެން ކޮންމެ މީހަކު އެނިންމުން ފުރަތަމަ ހިތުގެ އަޑިން ނިންމަވައިގެން، ނިންމަވާ މިއަދު އެއީ ކޮންމެ ސިޔާސީ ޚިޔާލެއްގެ ބޭފުޅެއް ވެސް އެނިންމުން ހިތުގެ އަޑިން ނިންމަވާ،" ޚިޔާލު ތަފާތުވުންތައް ދޫކޮށް އެންމެން އެކުގައި ގައުމައިގެން ކުރިއަށް ދިޔުމަށް ދައުވަތު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ ބޭރުގެ ނުފޫޒުތަކުން ދުރުވެ ދިވެހީން، ދިވެހި ދައުލަތް ހިންގަންވާ ގޮތް ނިންމުން ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގެ ނަތީޖާ އާއެކު އެކަން މިހާރު ބޭރު ދުނިޔޭގެ ގައުމުތަކަށް ސާފުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީ ކުރާނީ ދިވެހިން ބޭނުންވާ ގޮތަށް ކަމަށާއި އެ ވިސްނުމަށް ތަބާވާނަމަ ކޮންމެ ގައުމެއް ވެސް ހަމަހަމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިންގެރާއްޖެ ބިނާކުރުމުގެ ހައްގު ދިވެހިންނަށް އޮންނަން ވާނެކަން މިއަދު ވަރަށް ސާފުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު، ވިދާޅުވީ ދިވެހިންނަކީ މިނިވަން ކަމަށް ލޯބިކުރާ ބައެއްކަން ރާއްޖޭން ބޭރުގެ ހުރިހާ ފަރާތްތަކަށް މިހާރު ސާފުވާން ވާނެ ކަމަށެވެ.

"ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ވެސް މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށް ވެސް މިހާރު ސާފުވާން ވާނެ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން އަމިއްލައަށް ނިންމަންކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން