ވަގުތު ބޭކާރު ނުކޮށް މިސަރުކާރުން ހުރިހާ ވަގުތެއްވެސް ހޭދަކުރަނީ ރައްޔިތުންނަށް ވީ ވައުދު ފުއްދައިދޭން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި، މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ވަރަށް ގިނަ ވައުދު ވެވަޑައިގެންފައި ވާނެ ކަމަށާއި، އަދި އެވައުދުތަކަކީ ރައްޔިތުންގެ އިތުބާރު ލިބިއްޖެނަމަ ނަތީޖާ ނެރެދިނުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމަށެވެ.

"ކެމްޕޭނުގައި ވަރަށް ގިނަ ވައުދު ވީން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެސް. އަޅުގަނޑު އިޚުލާސްތެރި ކަމާއެކީގައި ނޫން ގޮތަކަށް އެއްވެސް ވަޢުދެއް ނުވަން. އަޅުގަނޑު ބޭނުންވީ ރައްޔިތުން އަޅުގަނޑަށް އިތުބާރުކުރައްވާފިއްޔާ ހަގީގަތުގައިވެސް ނަތީޖާ ނެރެދޭން. އެހެންވީމަ ވައުދުވީ."

މީގެ އިތުރުން، ވައުދުތަކާއި އެއްގޮތަށް ބޭނުންފުޅުވަނީ ނަތީޖާ ނެރެދިނުމަށް ފޯކަސް ކުރައްވަންކަމަށް ރައީސް ވިދާޅުވިއެވެ. މިހެން ކަމުން، އާ ސަރުކާރުން ދަނީ އެއްވެސް ވަގުތެއް ބޭކާރު ނުކޮށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދޭން މަސައްކަތް ކުރަމުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް މެޓާ ވަނީ ހަމަ އެކަނި ރިސަލްޓް. ރިސަލްޓް އޮރިއެންޓެޑް ގަވަރންމަންޓެއް ގާއިމުކޮށްދޭނަމޭ އަޅުގަނޑު ދެންނެވީ، ނަތީޖާ އަށް ފޯކަސްކޮށް ނަތީޖާ އެކަނި ނެރުމުގެ ވިސްނުމުގައި މަސައްކަތް ކުރާ ސަރުކާރެކޭ އަޅުގަނޑު ބޭނުމީ ހިންގަން. އެންމެ ދުވަހެއްވެސް އެންމެ ގަޑިއިރެއްވެސް މިސަރުކާރަކުން ބޭކާރެއް ނުކުރަން. ރައްޔިތުންނަަށް ވީ ވަޢުދުތައް ފުއްދުމުގަ ނޫނިއްޔާ އަޅުގަނޑުމެންގެ އެއްވެސް ބޭފުޅަކު ވަގުތެއް ހޭދައެއް ނުކުރައްވާ."

ރައީސް ވިދާޅުވީ، މިކަންކަމަށް ވިސްނައި، ސަރުކާރުގެ މަސައްކަތްތައް ފުރިހަމަކޮށްދެވޭނެ، ވީ ވައުދުތައް ފުއްދައި، ނަތީޖާ ނެރެދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހޮއްވަވައިދެއްވުން މުހިންމު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން