މި ސަރުކާރުން ތައާރަފްކުރި އެއާ އެމްބިއުލާންސްގެ ފްލީޓް ފުޅާކޮށް ހެލިކޮޕްޓަރުވެސް އިތުރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހަކު ބަލިވެއްޖެނަމަ އެދެންޖެހިފައި އޮތީ ބޭރުގެ އެހީއަށް ކަމަށެެެވެ.

އަދި ހެލިކޮޕްޓަރުތަކާއި ޑޯނިއާތައް ބޭރުގެ ގައުމަކުން ރާއްޖޭގައި ދުއްވަމުން އައީވެސް އެކަން ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު އަމިއްލައަށް އެކަން ކުރުމުގެ ކެޕޭސިޓީ ގާއިމުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެއާ އެމްބިއުލޭންސްގެ ހިދުމަތް ގާއިމުކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެއާ އެމްބިއުލެންސްގައި މިހާރު ބޭނުންކުރަނީ ސީޕްލޭންއަކާއި ޑޭޝް މަތިންދާބޯޓެކެވެ.

"އަދި އަޅުގަނޑުމެންގެ ފްލީޓް ބޮޑުކުރާނަން. ބޮޑުކުރުމުގެ ޕްލޭން އޮތީ، އެއަށް އަޅުގަނޑުމެން އިތުރުކުރާނަން އިތުރު މަތިންދާބޯޓުތަކާ ހެލިކޮޕްޓަރުތައް. މި އަހަރު ނިމުމުގެ ކުރީގައި މެޑިކަލް އިވެކުއޭޝަނަށް ހާއްސަ ކުރެވިފައިވާ ހެލިކޮޕްޓަރެއް ގެނެވޭނެ." ރައީސް ވިދާޅުވި އެވެ.

އެއާއެކު މިހާރު ފެންނަމުންދަނީ އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެޥޭ މަންޒަރު ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން