ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ތެރެއިން ރިޝްވަތުގެ މައްސަލައިގައި އިއްވި ހަތަރު އަހަރުގެ ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރާއި އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރާއެކު ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމިންގެ މައްޗަށް އިއްވާފައެވެ.

އެމައްސަލަ ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތް ރަނގަޅު ނޫން ކަމަށާއި އަދި އޭގެ ސަބަބުން ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެެެވެ.

ހައިކޯޓުގެ ހުކުމްގައި ބުނާ ގޮތުން ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގޯހެވެ. އަދި އެފަދަ ހެކިތައް ބަލައިގަނެވޭނީ އިސްތިސްނާ ހާލަތްތަކެއްގައި ކަމަށާއި ޔާމީންގެ މައްސަލާގައި ދަށު ކޯޓުން އެކަންކުރީ ކޮންމެހެން އެކަން ކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ބަޔާން ކުރުމެއް ނެތި ކަމަށް ހުކުމުގައި ބުނެފައިވެއެވެެ. އަދި އެ ފުރުސަތު ދިނުމުގެ ކުރިން އެކަންކަމާ މެދު ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދީފައިނުވާ ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެކަަން ކަމަށް ރިއާޔަތްކޮށް ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ހައިކޯޓުގައި ހުކުމްގައި ބުނެފައިވަނީ އެ މައްސަލާގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި އަމަލުކުރި ގޮތުން ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް ޔާމިންގެ މައްޗަށް ކުރި ހުކުމާއި މެދު ހައިކޯޓުން މިރޭ ގޮތެއް ނިންމާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން