ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއް ލަތީފް ރިޓަޔާ ކުރައްވައިފި އެވެ.

އަބްދުއް ރަހީމް ވަނީ ސިފައިންގެ ހިދުމަތުގައި 39 އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އަދި އުމުރުން 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާގޮތުގެމަތިން ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރޭ ރިޓަޔާ ކުރެއްވީ އެވެ.



އަބްދުއް ރަހީމް ރިޓަޔާ ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަށް އޭނާ ވަޑައިގެންނެވުމުން އޭނާގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި، އިޚްލާސްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމްއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެވެ.



އަދި އެމްއެންޑީއެފުން ދޭ ސިޓީއާއި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، އަބްދުއް ރަހީމްއާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.



އަބްދުއް ރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައި ގެންނެވީ 18 ފެބްރުއަރީ 1985 ގައެވެ.

އޭނާ ސިފައިންގެ ހިދުމަތުގައި ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ހިމެނެ އެވެ.

އަދި ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައި ވާއިރު، އެމްއެންޑީއެފްގެ ވަރަށްގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ. އެގޮތުން، އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯރ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެއެވެ. އޭގެ އިތުރުން، ސިފައިންގެ ތަރުޖަމާންގެ މަގާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު ވެސް ހިމެނެ އެވެ.

އަބްދުއް ރަހީމް ވަނީ ތިނެއް ނޮވެމްބަރުގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ޢަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން