ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންމެ ސިކުންތެއް ވެސް ހޭދަކުރައްވަނީ ކުރެއްވި ހުވާގެ މަތީގައި ތެދުވެރިކަމާއެކު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީން އެކިކަންކަމުގައި އަގުވައްޓާލުމަށްޓަކައި ދޮގު ފަތުރަމުން ދާކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް ދޮގު ވާހަކަތައް ފަތުރަމުން ދާކަން ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގޯތި ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ފުށިދިއްގަރުފަޅު ހިއްކަން ފެށުމާއި ގުޅިގެން އެކަމުގެ ހަގީގަތް އޮޅުވާލުމަށް އެމްޑީޕީން މަސައްކަތް ކުރަމުން ދާކަމަށެވެ. އެގޮތުން، މާލޭ ސަރަހައްދުގެ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ގުޅީފަޅާއި ގިރާވަރުފަޅާ އަދި ހުޅުމާލެ ހިއްކައިގެން އެކަންވާން ނެތްކަން ފާހަގަ ކުރައްވާ ވިދާޅުވީ، އެހެންކަމުން، ފުށިދިއްގަރުފަޅު ވެސް ހިއްކަން ފަށަންޖެހުނީ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުން މުހިންމުކަމުން ކަމަށެވެ.

ރައީސް ވިދާޅުވީ، އެހެން ސަރުކާރުތައް އަމަލުކުރާ ގޮތަށް، ރިޔާސީ އިންތިހާބާ ކައިރިކޮށްލާފައި މަޝްރޫއުތައް ހިންގަން ނުފައްޓަވާނެ ކަމަށާއި އެ މަނިކުފާނުގެ ވައުދަކީ، މި ފަސް އަހަރު ނިމޭއިރު ދިވެހި ކޮންމެ ރައްޔިތަކަށް ގެއެއް ލިބޭވަރު ކުރުން ކަމަށް ވާއިރު، އެކަން ކުރުމަށް ކުރިއާލާ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

އަދި އެކަމަށްޓަކައި ކުރަމުންދާ މަސައްކަތަކީ ވަރަށް ސާފުކޮށް ހާމައަށް ފެންނަންހުރި ކަންކަން ކަމަށްވާއިރު ވެސް ހަގީގަތް އޮޅުވާލާ އެހެންމީހުންގެ ބޮލުގައި ޒިންމާ އެޅުވުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ކުރާ ކަމެއް ކުރާނީ އިހްލާސްތެރިކަމާއެކުގައި. ކޮންމެ ސިކުންތެއް ވެސް މި ހޭދަކުރަނީ، އަޅުގަނޑު ކުރި ހުވާގެ މަތީގައި، ތެދުވެރިކަމާއެކުގައި." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން