ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް
ވ. އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދަޢުވާގެ އިސްތިއުނާފް އަޑުއެހުންތައް ނިންމައި ހުކުމް އިއްވުން ހައިކޯޓުގައި ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި ރައީސް ޔާމީން 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޯޓުންވަނީ ޙުކުމް ކޮށްފައެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅައި، 4 އަހަރުގެ ޖަލު ޙުކުމެއްވެސް ވަނީ އިއްވާފައެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅައިފައިވާއިރު، އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް މިދިޔަ ނޮވެމްބަރު މަހު ވަނީ ނިންމާލައިފައެވެ. ނަމަވެސް އިސްތިއުނާފް މައްސަލާގެ ހުކުމް އިއްވުން ލަސްވެފައިވާތީ، ރައީސް ޔާމީނުގެ ވަކީލުންގެ އިތުރުން، ޔާމީނުގެ ސަޕޯޓަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޢުލޫމާތު ލިބޭގޮތުން، ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދަޢުވާގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުން ވަނީ މާދަމާއަށް ތާވަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން