ރާއްޖޭގެ މުސްތަގުބަލް ބައްޓަންކޮަށް ދީލާލަންޖެހެނީ ދެތިން މީހަކު ބޭނުންވާގޮތަށް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރަށްވާ ޕީއެންސީގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު (އިބުޓީ) ރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރަައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގައުމުގެ މުސްތަގުބަލް ބައްޓަންކޮށް ދީލާލަންޖެހެނީ އަބަދު "ދެތިން މީހަކު" ބޭނުންވާ ގޮތަށް ނޫން ކަމަށާއި، އެއީ ރާއްޖެއަށް ހައްގު މިންވަރެއް ވެސް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރު ވެގެންދާނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ފަސްއަހަރަކަށް ކަމަށެވެ.

މި ފަސްއަހަރު ތެރޭގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅަައި ގައުމުގައި ހަމަނުޖެހުން އުފައްދައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެެ.

"ސަރުކާރަށް ހުރަސް އަޅައި ހަމަނުޖެހުން ގާއިމްކޮށް އަޅުގަނޑުމެންގެ ގައުމުގައި ކުރީގައި އޮތް ބަދަލު ހިފުމުގެ ރޫޙު އަލުން އިއާދަކޮށް އެ ނޭއްގާނީ ސިފަތަކުގެ ތެރޭގައި އަޅުގަނޑުމެން ތާށިކޮށްގެން އަޅުގަނޑުމެންގެ މުސްތަގުބަލް ބަނަކޮށްލަން ފުރުސަތު ދޭނެ ކަމެއް ނެތް، އެއީކީ ނޫން އަޅުގަނޑުމެންގެ ގައުމަށް ހައްގު މިންވަރަކީ އަބަދަކު ދެތިން މީހަކު ބޭނުންވާހާ ގޮތަކަށް ނޫން، އަޅުގަނޑުމެންގެ މުސްތަގުބަލް ބައްޓަންކުރަން ދީލާލަން ޖެހެނީ ކީއެއް." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ގައުމުގެ ދަރިންގެ މުސްތަގުބަލް ޚިޔާލީ ދުނިޔެއްގައި، ހަމައެކަނި އުއްމީދެއްގެ ގޮތުގައި އޮންނަ ކަމަކަށް ވެގެން ނުވާނެ ކަމަށެެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ އޮތީ ހަގީގީ މާނައިގައި ގައުމުގެ ދަރިންގެ މުސްތަގުބަލެއް ގެނެސްދީ އުފާވެރިކަން ގެނެސްދިނުމުގެ ވިސްނުން ކަމަށެެވެ. އަދި ސަރުކާރު އޮތީ އެ ވަރުގަދަ އަޒުމުގައި ކަމަށާއި ކުރަމުންދަނީ އެމަސައްކަތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ސަރުކާރު ޒިންމާދާރު ކުރަން ކަމަށް ބުނަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރުކުރުން މާނަކުރަނީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ކޮންމެ ފަސް އަހަރަކުން ވޯޓު ލައިގެން ސަރުކާރު ބަދަލު ކުރެވޭނެ ކަމަށެވެ. ރައްޔިތުން އެ މަނިކުފާނާ ފަސް އަހަރު ތެރޭގައި ކުރުމަށް ޒިންމާތަކެއް ހަވާލުކޮށްފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުން ބޮޑު އަގުލަބިއްޔަތަކުން ކުރީގައި ދިޔަ ސްރާބު ކަމު ނުގޮސްގެން ދިވެހިންގެ އަތްމައްޗަށް ރާއްޖޭގެ މިސްރާބު ގެނެސްފައި އޮއްވާ އެކަން ކުރަން ފަށާފައި އޮތް ސަރުކާރެއް އަނެއްކާވެސް އެކިކަހަލަ ހަމަނުޖެހުމުގެ ތެރެއިން ބަދަލުކުރުމާއި އަޒުލުކުރުމާއި މިކަހަލަ ކަންކަން ކުރުމުގެ ވާހަކަ މިހާރު އެބޭފުޅުންނަށް ކެތް ނުވެގެން އިންތިހާބު ގާތްވާން ފެށީމާ ފާޅުގައި ސާފުކޮށް ވިދާޅުވާން ވެސް ފެށީ ނޫންތޯ؟ އޭގައި ކުރިން ވިދާޅުވީ ޖަވާބުދާރީ ކުރާ ވާހަކަ، ރަނގަޅު ޖަވާބުދާރީ ކުރުވަން ޖެހޭނެ، އެކަމަކު ޖަވާބުދާރީގެ އެ ލަފުޒު އެބޭފުޅުން (އިދިކޮޅު ފަރާތްތަކުން) މާނަ ކުރަނީ ސަރުކާރު ވައްޓާލަން،" ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ރައީސް ވަނީ އަންނަ މަޖިލީހުގެ އިންތިހާބުގައި ގައުމުގެ މިނިވަންކަމާއި މި ގައުމުގެ ސިޔާދަތާއި، އަމަން އަމާންކަމާއި ރައްކާތެރިކަން ގާއިމް ކުރުމަށް ދިވެހި ރައްޔިތުން ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ގޮވާލައްވާފައެެވެ. ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރައްޔިތުން ބުއްދީގެ ބޭނުންކޮށް ވަކި އަތަކަށް ނުޖެހި ތައައްސަބުން އެއްކިބާވެ ހުރެ މިނިވަންކަމާއި އެކީގައި ވިސްނައި ގައުމަށް ރަނގަޅު ގޮތް ޚިޔާރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާާރުގެ ފިކުރަކީ ތަރައްގީ ކަމަށާއި ބޭނުންފުޅުވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ ޔަގީންކޮށްދޭން ކަމަށް ރަައީސް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން