އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެމަނިކުފާނާއި ދެކޮޅަށް ދެއްކޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކުވެސް ރައްޔިތުންގެ ފައިސާގައި ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނަކީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރަށްވާނެ ބޭފުޅެއް ނޫން ކަމަށާއި ކުރިއަށް އޮތްތާގައި ވެސް އެފަދަ ކަމެއް ނުކުރަށްވާނެ ކަމަށެވެ.

އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގެވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ތުހުމަތުތައް ބަލަން އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވާތީ އެކަމަށް ރައްދު ދެއްވަމުން ރައީސް މުޢިއްޒު މިރޭ ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި އެފަދައިން ކުރެއްވި އެއްވެސް ކަމެއް ނުދެއްކޭނެ ކަމަށެވެ.

ރައީސް މުޢިއްޒު ވަނީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް އަމާޒުކުރާ ކޮރަޕްޝަންގެ މައްސަލަ ތަކުގެ ހަގީގަތް މިރޭ ހާމަކުރަށްވާފައެެވެ. ރައީސްމުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ރޯހައުސް ކުއްޔަށް ދީފައި ހުންނާނީ ބޭރު ބަޔަކަށް ކަމަށެވެ. ކޮރަޕްޝަން ކަމަށް ބުނެ ދައުރުކުރަމުންދާ ލިޔުންތަކުގައި ހުރީ އެ ރޯހައުސްއިން ކުއްޔަށް ދީފައިވާ ދެ އެޕާޓުމަންޓުގެ ކުލިކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އިންޓެލިޖެންސް ރިޕޯޓެއްގެ ގޮތުގައި ފަތުރަމުންދަނީ ތައްގަޑެއް ތާރީހެއް ނެތް، އިދިކޮޅުން ބޭނުން ގޮތަކަށް ހަދައިގެން ގެންގުޅޭ ޑްރާފްޓެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބައްޕާފުޅުގެ ކިބައިން އެމަނިކުފާނަށް ވާރުތަވި މުދާ އޭގައި ފެންނަން އެބަހުރި ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ފަސްއަހަރު ވެރިކަމުގައި އޮތީ އެމްޑީޕީގެ ސަރުކާރު ކަމަށާއި އެމަނިކުފާނު ގޯސްކޮށް ކަމެއް ކުރަށްވާފައި އޮތްނަމަ އެކަމެއް އޭރު ވެސް ފެންނަން އޮންނާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް ދައްކާ ވާހަކަތައް ނުހިގާނެ ކަމަށާއި އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި މިހާރު ފަތުރަމުންދާ ވާހަކަތަކަކީ ވެސް އެމަނިކުފާނާ ދެކޮޅަށް ކަމެއް ހޯދަން އުޅެއުޅެ ނުފެނިގެން އިންތިހާބާ ދިމާކޮށް ސަރުކާރުގެ އަގުވައްޓާލުމަށް އިިދިކޮޅުން ދައްކާ "ބުހުތާނު ދޮގު ވާހަކަތަކެއް" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން މީގެ ކުރިން މޭޔަރު އިންތިހާބާ ދިމާކޮށް ވެސް އެފަދަ ތުހުމަތުތައް އަޅުވައި ބަދުނާމުކޮށް ޝަރީއަތް ކޮށް ހެދި ކަން ފާހަގަކުރަށްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އޭރު ވެސް އެކަންކަން އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވުނީ އެފަދަ ކަމެއް ކޮށްފައި ނޯންނާނެތީ ކަމަށެވެ.

"ކުރީގައި ވެސް ނުވި ކަމެއް، ދެނެއް ވެސް ނުވާނެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،"  ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން