އައްޑޫ ސިޓީގެ ރައްޔިތުން މި ފަހަރު މަޖިލިސް އިންތިހާބުގައި ބަދަލަކަށް ވޯޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ އައްޑޫ ހައި ސުކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައްޑޫ ސިޓީ އަކީ އަބަދުވެސް އެމްޑީޕީގެ ތާއިދު ބޮޑު ސިޓީއެއް ކަމަށާއި އެހެން ނަމަވެސް ރައްޔިތުން މަޖިލިސް އިންތިހާބުގައި ބަދަލަކަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުން ބަދަލަކަށް މިފަހަރު ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކުރަންޖެހެނީ އެ ސިޓީގެ ތަރައްގީ ހަގީގަތަކަށް ހެދުމަށްޓަކައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން މިފަހަރުގެ ވޯޓުގައި އިސްކުރަންވީ ސިޓީގެ މަސްލަހަތު ކަމަށާއި ޕާޓީއެއް ނޫން ކަމަށެވެ.

އެގޮތުން މިފަހަރު ޕާޓީއަށްވުރެ މަޖިލިސް އިންތިހާބުގައި އައްޑޫ ރައްޔިތުން ސިޓީ އިސްކޮށްފި ނަމަ އައްޑޫއަށް ވެވަޑައިގެންނެވި ހުރިހާ ކަމެއް އަމަލީ ގޮތުން ނިންމައިދޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމުގައި އެންމެ ސިކުންތެއް ވެސް ބޭކާރުކޮށް ނުލާނެ ކަމަށެެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އައްޑުއަކީ މާލެއާ އެއް ފެންވަރަށް ތަރައްގީވެފައިވާ ސިޓީއަކަށް ހެދުން ކަމަށެވެ. އެ ސަރަހައްދަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ ދެކުނުގެ ހަތަރު އަތޮޅު އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގަައި ތަރައްގީކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުން މައި ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރާނެ ކަމަށެެވެ. އަދި އައްޑޫގެ ރައްޔިތުންގެ ތަރައްގީގެ އުއްމީދުތަކުގައި މި ސަރުކާރުން ހަގީގީ ކުލަ ޖައްސާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

"އައްޑޫގެ ބްރިޖްގެ މަސައްކަތް މިފެށުނީ ފެނުގެ މަސައްކަތް އަޕްގުރޭޑް ކުރަން މި ހަވާލުކުރީ، މިހަފުތާގައި ގޯސްކޮށް ހަދާފައިވާ މަގުތަކުގައި ތާރު އަޅަން ނިންމައި އެމަސައްކަތް މި ހަވާލުކުރަނީ ޓާޝަރީ އެންމެ ބޮޑު ހޮސްޕިޓަލު އެޅުމަށް މިހަވާލުކުރަނީ، ހުޅުމީދޫ ހެލްތު ސެންޓަރު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި ހަވާލުކުރަނީ، މި ހުރިހާ ކަމެއް އަދި އެންމެ ހަތަރު މަސްމިވީ ދެން ކިހިނެތްތޯ ވާނީ ސަރުކާރަށް އެއްބާރުލުން ދޭ މަޖިލީހެއް ތިބޭފުޅުން ގާއިމްކޮށްދެއްވައިފިއްޔާ ވާނީ ކިހިނެތްތޯ ވާނީ؟ އެހެންވީމަ ދެބަދޭތެރޭގައި ތަރައްގީ ބާއްވަން ފުރުސަތު ނުދެއްވާށޭ! ޙަގީގީ ތަރައްގީ ތިބޭފުޅުން އަބަދު އުއްމީދު ކުރާ ތަރައްގީ އައްޑޫ ރަައްޔިތުންގެ ޑްރީމް ހަގީގަތަކަށް އަޅުގަނޑު ހަދައިދޭނަން،ތިބޭފުޅުން އަޅުގަނޑަށް އެއްބާރުލުން ދެއްވާ!" ރައީސް ވިދާޅުވިއެެވެ.

ރައީސް މުއިއްޒު މިރޭ ވެސް ވިދާޅުވީ ރިޔާސީ ވައުދާއެއްގޮތަށް މި އަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ ބްރިޖުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިޔަށް ޕްރޮޖެކްޓު ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރައްޔިތުންގެ އެތައް އުންމީދެއް ގުޅިފައިވާ އެ ޕްރޮޖެކްޓު ހުއްޓުވުމަށް ޖާގަ ނުދިނުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ތަރައްގީގެ ފިކުރުގެ މެމްބަރުން މަޖިލީހަށް ބޭނުންވާކަމަށެވެ.

އަދި މިދިޔަ ހަތަރު މަސް ދުވަހުގެ ތަޖުރިބާއަށް ބަލާއިރު މަޖިލީހުގެ ކަންކަން ހިނގި ގޮތުން އިދިކޮޅުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅާނެކަން ފެންނަން އެބައޮތްކަމަށް ރައީސްވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ހުރިހާ ވައުދެއް ފުއްދުމުގައި ރައްޔިތުންގެ އެއްބާރުލުން ދިނުމުގެ ގޮތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން