image ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު   5 އޯގަސްޓު 2020 - 21:52
ފައިބެއަހަރު ފަހުކޮޅު ސީނުކަރައިން ފެނުނު ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރެން ފެށި ވާހަކަ އަޅުގަނޑު އެހީ 2019 ވަނަ އަހަރު ޑިސެންބަރުމަހުގެ ތެރޭގައެވެ. ފަހުން އެ ވައިރަހުން ޖެހޭ ބައްޔަށް (ކޮރޯނާ ވައިރަސް ޑިޒީސް) ކުރުނަމެއް ހަދައި "ކޮވިޑް19"ގެ ނަމުގައި މަޝްހޫރުވިއެވެ. އެ ހިސާބުން ފެށިގެން ގެއިން ބޭރަށް ނުކުންނަ ނަމަ، ފޮތި މޫނުމަތި (މާސްކު) އެޅުމަކީ އާދައެއް ކަމުގައި އަޅުގަނޑު ހެދީމެވެ. އެއީ އަޅުގަނޑުގެ ކިބައިން އެހެން މީހަކަށް ނުވަތަ އެހެން މީހެއްގެ ފުށުން އަޅުގަނޑަށް އެ ބަލީގެ ވައިރަސް އެރުމުގެ ފުރުޞަތު ކުޑަކުރުމަށް ޓަކައި އަޅުގަނޑު އަމިއްލައަށް އިޚުތިޔާރުކުރި ކަމެކެވެ. އެ ދުވަސްވަރު ކަމާބެހޭ އިދާރާތަކުން އިރުޝާދުދެއްވަމުން ގެންދެވީ ބަލި ނުޖެހޭ މީހުން މޫނުމަތި އެޅުމަކީ ކުރަންޖެހޭ ކަމެއް ނޫންކަމަށާއި އަދި އެއީ ރަނގަޅުކަމެއް ވެސް ނޫންކަމަށެވެ. ނަމަވެސް އަޅުގަނޑު މޫނުމަތި އެޅުމަކީ އެހެން މީހަކަށް އެކަމުން ހަމަގައިމުވެސް ގެއްލުމެއް ލިބޭނެ ކަމަކަށް ނުވާތީ އަޅުގަނޑުގެ ނިންމުން އަޅުގަނޑު ގެންދިޔައީ ތަންފީޒުކުރަމުންނެވެ.

މޫނުމަތި އަޅާން ނުޖެހޭނެކަމަށް އޭރު ނިންމެވި ނިންމެވުމަކީ ޞިއްޙީ ނުވަތަ ފަންނީ ނިންމެވުމެއް ކަމަކަށް އަޅުގަނޑުގެ ކޮށި ވިސްނުމަކަށް ގަބޫލެއް ނުކުރެވުނެވެ. އަޅުގަނޑަށް ވިސްނުނީ އެއީ މޫނުމައްޗަށް ޢާންމުން ބޭނުންވާ މިންވަރު (ޑިމާންޑު) އިތުރުވެގެން އޭގެ އަގުމައްޗަށް ހިނގައިދާނެތީ ނިންމެވި "އިދާރީ" ނިންމެވުމެއް ކަމަށެވެ. ނުވަތަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް މޫނުމަތި ގަންނާން ވެސް ނުލިބި އިޖުތިމާޢީ މައްސަލަތަކެއް އުފެދިދާނެތީ ނިންމެވި ސިޔާސީ ނިންމެވުމެއް ކަމަށެވެ. މައްސަލައެއް ނެތެވެ. ކޮންމެ ގޮތަކަށް ނިންމެވި ނިންމެވުމެއް ކަމަށް ވިޔަސް އެ ނިންމުން އަޅުގަނޑަށް ގަބޫލެއް ނުކުރެވުނެވެ. އެއީ ޞިއްޙި ރައްކާތެރިކަމަށް ޓަކައި އަޅުގަނޑު އަމިއްލައަށް ހޯދައިގެން އަޅާ މޫނުމައްޗެއް އެޅުން ރަނގަޅު ނޫންކަމަށް ވާނެ ގޮތެއް އަޅުގަނޑަށް ނުވިސްނުނީތީއެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާ ތަފާތު ގޮތަކަށް އަޅުގަނޑު މޫނުމަތި އަޅައިގެން އުޅޭން ފެށީމާ ރައްޓެހިން މަލާމާތް ވެސް ކުރިއެވެ. ސަމާސާއަށް ފޮށިވެސް ހެދިއެވެ. ނަމަވެސް އަޅުގަނޑުގެ ނިންމުން އަޅުގަނޑު ބަދަލެއް ނުކުރަމެވެ. މި ދިޔަ އަހަރު ޑިސެންބަރު މަހުން ފެށިގެން މިއަދާ ހަމައަށް ވެސް މޫނުމައްޗެއް ނާޅައި އަޅުގަނޑު ގެއިން ބޭރަށް ނުކުމެއެއް ނޫޅެމެވެ.

ތަންކޮޅެއް ފަހުން ބަޒާރުން މޫނުމަތީ ގަންނާން ލިބި، އެކިއެކި ފަހާ ކާރުޚާނާތަކުން ފޮތި މޫނުމަތި ފަހައި ބާޒާރަށް ނެރޭން ފެށި ހިސާބުން މޫނުމަތިއަޅައިގެން އުޅުމަކީ ރަނގަޅު ކަމަކަށް ވެއްޖެއެވެ. އެކަމަށް އިރުޝާދުދެވި ބާރުއެޅޭން ފަށައިފިއެވެ. ގިނަ މީހުން މޫނުމަތި އަޅާން ވެސް ފަށައިފިއެވެ. ރާއްޖޭގެ ގިނަ މީހުންނަކީ ކިޔަމަންތެރި، ބަސްއަހާ ބަޔެކެވެ. އަޅާކަށް ނުޖެހެޔޭ ބުނީމާ ނާޅާނެއެވެ. އަޅާންޖެހެޔޭ ބުނާ އިރަށް އަޅާނެއެވެ. އަޅާކަށް ނުޖެހެޔޭ ބުންޏަސް އެ ބަސް ގަބޫލުނުކޮށް މޫނުމަތި އަޅައިގެން އުޅޭ އަޅުގަނޑު ކަހަލަ ބޯހަރު މީހުން މި ރާއްޖޭގައި ވަރަށް މަދުވާނެއެވެ.

އަޅުގަނޑުގެ އަޞްލު މައުޟޫޢަށް އަދި ކިރިޔާ މި އާދެވުނީއެވެ. ދަންބެރަށް ވުރެ، ތަގުޑި ދިގުވީއެވެ. މާފުކުރެއްވުން އެދެމެވެ. އަޅުގަނޑުގެ ވައްޓަފާޅި ހުންނަ ގޮތެވެ. ކޮންމެއަކަސް މިހާރު މިވަނީ މޫނުމަތި ނާޅައި މަގުމަތީގައި އުޅުން މަނާކުރެވިފައެވެ. އަދި ރަނގަޅީ މޫނުއައްޑަނަ ވެސް އެޅިއްޔާއެވެ.

ކޮންމެއަކަސް މޫނުމައްޗާއި މޫނުއައްޑަން ބޭނުންކުރާންޖެހެނީ ކޮރޯނާ ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް އެރުން ހުއްޓުވުމަށް ޓަކައެވެ. ނޭފަތަށް، އަނގައަށް އޭގެ ގޮލައެއް ވަދެދާނެތީއެވެ. ވައިރަސް މަރާ ދިޔައަކުން ނުވަތަ ސައިބޯނިލައިގެން ނަމަ ވެސް އަތް ދޮންނާންޖެހެނީ ވެސް އެހެންވެގެންނެވެ. މިއީ ކޮންމެ މީހަކު ވެސް އަމިއްލައަށް އަދާކުރާންޖެހޭ ޛިންމާއެކެވެ. ތިމާގެ ސަލާމަތަށްޓަކައެވެ. ޢާއިލާގެ ރައްކާތެރިކަމަށްޓަކައެވެ. މުޅި މުޖުތަމަޢުގެ ޙިމާޔަތަށް ޓަކައިވެސްމެއެވެ.

މޫނުމަތި އަޅާންޖެހޭ ތަނެއް މީހަކު ނުބުންޏަސް، (އެއީ ކޮންތާކު ކީއްވެގެން ކީއްކުރާން އަޅާ އެއްޗެއްކަން) މާ ބޮޑު ޢިލްމަކާ ނުލައި ވެސް ހަމަ ކޮންމެ މީހަކަށް ވެސް ވިސްނޭންވާނެއެވެ. ގައިދުރުކަން އިސްކުރާން ސަރުކާރުން އަންގަވަނީ ކޮން މަޤުޞަދެއްގައިކަން ވެސް އަޅުގަނޑުމެން ދަންނާން ޖެހޭނެވެ. މިއީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް ޓަކައި އަޅާންޖެހޭ ފިޔަވަޅުތަކެކެވެ. ނަމަވެސް ފެންނަ މަންޒަރުތަކުން ހިތަށް ވަންނަނީ މޫނުމަތި އެޅުމުގެ ހަގީގީ ބޭނުން ގިނަ މީހުންނަށް ނުވިސްނޭކަމެވެ. ރައްޓެއްސަކާ ދިމާވުމުން މޫނުމަތި ބަދަލުވަނީ ހަމަ އެކަނި ދަތްދޮޅިއަށެވެ. ރަޙުމަތަތެރިއާ ވާހަކައްކައިލާށެވެ. އަދި ބައެއް މީހުން ހަމަ އެކަނި މޫނުމަތި އަޅަނީ ނޭފަތް ދޫކޮށް އަނގައިގައި އެކައްޏެވެ. ފޯނަކަށް ޖަވާބުދޭން ވެއްޖެ ނަމަ، އެއް ކަންފަތަށް ވެސް މޫނުމަތި ބަދަލުވެއެވެ. ގްރޫޕްހަދައިލައިފައި ސިނގިރެޓް ބޮއި މަޖާކުރާ އިރު، މޫނުމަތި ބަދަލުވަނީ ދަތްދޮޅިއަށެވެ. އަދި މަދުން ނަމަވެސް ބައެއް ޚަޠީބުން ޚުޠުބާ ވިދާޅުވާއިރު މުނުމަތީން ހަމައެކަނި ނިވައިވަނީ އަނގަ ނުވަތަ ދަތްދޮޅިކަމަށް ވެސް ބައެއް މީހުން ބުނާ އަޑު އަހަމެވެ. އެކަމަކު ހަމަ ގައިމު ވެސް، ވާހަކަދައްކާއިރު އަޅުގަނޑުމެންނަށް ނުފެނުނަސް ކުޅުގެ ކަވި ތިކިތައް އަނެކާގެ މޫނަށް ބުރުމުގެ ފުރުޞަތު އޮންނާނެކަން އަޅުގަނޑުމެންނަށް އެންމެންނަށް ވެސް ގަބޫކުރެވޭނެއެވެ.

ކޮވިޑްގެ ބާނި އަދި މި ރާއްޖެއަކު ތިރިއެއް ނުވެއެވެ. މީޑިއާއިން ފެންނަ ތަފާސްހިސަބުތަކަށް ބަލާއިރު، ކޮވިޑްގެ ބާނި އަންނަނީ އުފުލެމުންނެވެ. އުސްވަމުންނެވެ. ފުޅާވަމުންނެވެ. މަތަނުވެ ފެތުރިގެންފާނެ ކަމުގެ ބިރުވެރިކަން މި އޮތީ އިތުރުވެފައެވެ. ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް ސަރުކާޜުން އަލުން ހަރުކަށިކުރެއްވުމީ މިކަމުގެ ދަލީލެކެވެ. މިހާރު ރޭގަނޑު ދިހައެއްގެ ފަހުން ފަތިހު ފަހެއް ޖަހަންދެން ބޭރަށް ނުކުމެ އުޅުންވަނީ މަނާކުރެވިފައެވެ. އިސްކޫލުތަކަށް ދަރިވަރުން ނުގޮސް، ހުރިހާ ގުރޭޑަކަށް ވެސް ދާދިވަރު ތަޢުލީމުގެ ކިލާސަތައް ބާއްވާން ވަނީ ލަފާދެވިފައެވެ. މާލެއިން ރަށްރަށަށް މީހުން ދިޔުން ވަނީ ހަރުކަށި ކުރެވިފައެވެ. ރަށްރަށުން މީހުން އައިސް މާލެ އެރުން ވަނީ މަނާކުރެވިފައެވެ. މިއީ ކޮވިޑްގެ ބާނި އަލުން އުފުލޭން ފަށައިފައިވާ ކަމުގެ ހެކިތަކެވެ. ވީމާ ކޮވިޑްގެ ބާނި ހިންދައިލާން ނުވަތަ ތިރިކުރާން އަޅުގަނޑުމެން ބޭނުންނަމަ، އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ފަރުދީ ޛިންމާ ފުރިހަމައަށް އަދާކުރާން އެބަޖެހެއެވެ. ކޮންމެހެން ޖޫރިމާނާ ކޮށްފާނެތީއެއް ނޫނެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ރަނގަޅަށް އަތް ދޮވެގެން ނޫނީ، އަނގައާއި ނޭފަތާއި ލޮލުގައްޔާއި ކަންފަތުގައި އަތް ނުލާންވީއެވެ. ގެއިން ބޭރަށް ކޮންމެހެން ނުކުންނާން ޖެހޭ ފަދަ ޟަރޫރަތެއް މެދުވެރިވެގެން ނޫނީ ގެއިން ބޭރަށް ނުނުކުންނާންވީއެވެ. އަޅުގަނޑުމެން ގެއިން ބޭރަށް ނުކުންނަ ނަމަ، އަނގައާއި ނޭފަތް، ފޮތި މޫނުމަތީން ނިވައިކުރާންވީއެވެ. އަދި ދާހިއްލިޔަސް އުނދަގޫ ވިޔަސް އަލުން އެނބުރި ގެޔަށް ދެވެންދެން ފުރިހަމައަށް މޫނުމަތި އަޅައިގެން އުޅޭންވީއެވެ. ދޮވެވޭ ކަހަލަ މޫނުމައްޗެއް ނަމަ، ރައްކާތެރިކަމާއެކު ދޮވެ ޖަރާސީމު ފިލުވައިގެން ނޫނީ އަނެއް ފަހަރު ނާޅާންވީއެވެ. އެއް ފަހަރު ބޭނުންކުރާ ކަހަލަ މޫނުމައްޗެއް ނަމަ، ގެއަށް އާދެވުމާއެކު ރައްކާތެރިކަމާއެކު ކޮތަޅަކަށްލައި ކުދިވަށިގަނޑަށް ލާންވީއެވެ. ފޯނާއި ރުފިޔާ ފަދަ ތަކެތި ވެސް ޖަރާސީމު މަރާ (ސެނިޓައިޒަރ ފަދަ) ދިޔައަކުން ސާފުކުރާންވީއެވެ. އަދި މިނޫނަސް ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވާންވީއެވެ. މިއީ ވަކި މީހަކަށް، ސަރުކާރަކަށް ކޮށްދޭ ކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެންނާއި ޢާއިލާއާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި އަޅާން ޖެހޭ ފިޔަވަޅުތަކެވެ. އާދޭހެވެ! މޫނުމަތި އަޅާންޖެހެނީ އަނގައާއި ނޭފަތް ނިވައިކުރުމަށް ޓަކައެވެ. ވީމާ، މޫނުމައްޗަކީ ހަމައެކަނި ދަތްދޮޅީގައި އަޅާ އެއްޗަކަށް ނަހަދަމާތޯއެވެ!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން