ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެދު ހެންވޭރު ދާއިރާގެ ގެތަކަށް ވަޑައިގެން ހިންގެވި ކެމްޕޭން ހަރަކާތުގެ ތެރެއިން އެ ދާއިރާގެ ބަޔަކު ނުރުހުން ފާޅުކޮށް ދެއްކީ މުޅިން ވެސް ދޮގު ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެދު ހެންވޭރު ދާއިރާގެ ގެތަކަށް ވަޑައިގެން ހިންގެވި ކެމްޕޭން ހަރަކާތުގެ ތެރެއިން އެ ދާއިރާގެ ބަޔަކު ނުރުހުން ފާޅުކޮށްފައިވަނީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަ ކުރުމަށް ނަން ހުށަހެޅި ހަސަން ޝިޔާމަށް އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ވެސް ޕީއެންސީން ކަންކުރަމުން އައީ ވަރަށް ބޭއިންސާފުން ކަމަށް ބުނެއެވެ. ރައީސާއި ދެކޮޅަށް މެދުހެންވޭރު ބަޔަކު ވަނީ އަޑުވެސް އުފުލާފައެވެ. އަދި އެދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަށް ވޯޓް ނުދޭނެ ކަމަށް ބުނެ ބައެއް މީހުން ރައީސްގެ ކުރިފުޅުމަތީގައި އަޑު އުފުލިއެވެ.



ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ހުރެ، އައިޝަތު އުސާމާ ބުނީ ރައީސް މުއިއްޒު ވެރިކަމަށް ހޮވަން މަސައްކަތް ކުރީ ވެސް އެމީހުން ކަމަށާއި ވެރިކަމަށް ރައީސް މުއިއްޒު ހޮވީ ވެސް ވަރަށް ލޯބިން ކަމަށެވެ. އޭނާ ބުނީ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ހަތަރު ފޮށިން ގިނަ އަދަދެއްގެ ވޯޓް ހޯދައި ދިނުމަށް ހަސަން މަސައްކަތް ކުރެއްވި ކަމަށެވެ. އޭގެ ބަދަލުގައި ހަސަން ދޫކޮށް ރައީސް އެ ދާއިރާއަށް ހޮއްވަވަން އުޅުއްވަނީ މިފަހާ ޖެހެންދެން އެމްޑީޕީގައި އުޅުނު ކެންޑިޑޭޓެއް ކަމަށް ބުނެ އުސާމާ ނުރުހުން ފާޅުކުރިއެވެ.

"ތިބޭފުޅާއާ އެއްކޮށް އަޅުގަނޑުމެން ފޮޓޯ ނަގާފައި ލޯބިން އަޅުގަނޑުމެން ހޮވި ރައީސްއެކޭ ތިއީ، ވަރަށް ލޯބިން ހޮވާފައި ބޭންދި ރައީސެއް ތިއީ. އެކަމަކު އަޅުގަނޑުމެންގެ ދާއިރާގެ ހަސަން ޝިޔާމްއަށް [މަނިކުފާނު] ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް،" އުސާމާގެ ކަންބޮޑުވުންތައް ރައީސްގެ ކުރިމައްޗަށް ބަންޑުންކޮށްލަމުން އޭނާ ބުނެފައި ވެއެވެ.

ރައީސްގެ ކުރިފުޅުމަތީގައި ހުރެ އުސާމާ ބުނިގޮތުގައި ޕީއެންސީގެ ޕްރައިމަރީއިން ހަސަން ޝިޔާމް ވަކިކުރަން ރައީސް ސިޓީއެއް ވެސް ފޮނުއްވިއެވެ. އަދި ވޯޓްލުމަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ވޯޓާސް ލިސްޓުން އޭނާގެ ނަން އުނިކުރި ކަމަށް އުސާމާ ބުނެއެވެ.

ރައީސަށް ތުހުމަތުކޮށް ދެއްކި އެ ވާހަކަތައް އެމަނިކުފާނު އެވަގުތު ދޮގުކުރެއްވިއެވެ.

އުސާމާގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ރައީސް މުޢިއްޒު ވަނީ އޭނާގެ ޝަކުވާ ތަކަށް ކުރު ޖަވާބެއް އަރުވާފައެވެ.

"އަޅުގަނޑާ ނިސްބަތްކޮށް ތި ވިދާޅުވީ ހަމަ ހުސްދޮގު، ހުސްދޮގު" އުޝާމާ އަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ ސާބިތު ދަރަންޏެއް އޮތް ކަަން ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު