ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވުމަކީ ދޮގު ހެދުމަށް ލިބޭ ލައިސަންސެއް ނޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާޑުވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ރައީސް ޞާލިޙް ގެންދަވަނީ އެކި ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. ހާއްސަކޮށް ގައުމުގެ އިގުތިސާދާއި، ސިޔާސީ މުވައްޒަފުންނަށް ހަރަދުކުރާ މިންވަރާއި އަދި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް ޞާލިޙް ގެންދަވަނީ ތަކުރާރުކޮށް ފާޑުވިދާޅުވެ ތުހުމަތުތައް ކުރައްވަމުންނެވެ.

އެ ވާހަކަތަކަށް ނިސްބަތްކުރައްވާ ރައީސް ޑރ. މުޢިއްޒު މިރޭ ސަންގުޓީވީގައި ވިދާޅުވީ، ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގެން ވާހަކަދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށާއި ފަސް އަހަރު ރައީސްކަން ކުރެއްވުމަކީ ހިތަށް އަރާހައި ގޮތަކަށް ދޮގު ހެއްދެވުމަށް ލިބިފައި އޮންނަ ލައިސަންސެއް ނޫން ކަމަށެވެ.

"އެ ބޭފުޅުން ވަކި ލިސްޓެއް ހަދައިގެން ފޯމް ލިޔަސް ނުލިޔަސް ގޯއްޗާއި ފްލެޓް ދިނީ، އެކަން ނޫންތޯ އޭސީސީއިން އެބަލަނީ. އަޅުގަނޑުމެން ވަކި ލިސްޓެއް ހަދައިގެން ވަކި ލިސްޓަކަށް އެ ގޯތިތައް ދޭން ވެގެން އެބަ އުޅެއޭ، ތިމަންނަމެންގެ މެޖޯރިޓީ މަޖިލީހުގައި އޮތީމައޭ އެކަން ނުކުރެވިގެން އުޅެނީއޭ ކިޔައިގެން ދައްކަނީ ހުސް ބުހުތާނު ދޮގު." ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ އެމަނިކުފާނު އަބަދުވެސް ވާހަކަ ދައްކަވާނީ ތެދު ބަހުންކަމަށާއި އަދި ރައްޔިތުންނަށް ކޮންމެ ބޭފުޅަކު ވެސް އިހުލާސްތެރިވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވިއިރު، އެމްޑީޕީން ދަނީ ރައީސްގެ އިސްތަށިފުޅުގައި އިތުރުފުޅު ހައްދަވާކަމުގެ ތުހުމަތު އަޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން