ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް އެކުލަވާލާ މަޖިލީހަށް ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލަށް ތާއީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެންމެ އައިޑިއަލް ގޮތަކަށް ވާނީ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިހާބުވި ޕާޓީގައި އެ ޕާޓީގެ ސިޔާސަތުތަކާއެކު ކުރިއަށް ދިޔުން ކަމަށެވެ. އަދި އެކަން އޮންނަނީ ރައްޔިތުންނާއެކު އޮންނަ ސޯޝަލް ކޮންޓްރެކްޓެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން އުސޫލެއްގެ ގޮތުން މިހާރު ހުށަހެޅިފައިވާ އެންޓި ޑިފެކްޝަން ބިލަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އިންތިހާބުވެފައިހުރި ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅުގޮތް، އެއީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ވަކި ޕޮލިސީއެއް ވިއްކައިގެން މި އަންނަނީ ރައްޔިތުންގެ ތާއީދު ހޯދައިގެން. އައިސް އެތާއީދު ބޭސްވި އަސާސް ދޫކޮށްލާފައި އެހެން ދިމާއަކަށް ދިޔުމަކީ އެކަން އޮންނަންވާނެ ގޮތެއް ނޫން." ރައީސް ވިދާޅުވިއެވެ.

އެމްޑީޕީން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަށް ފޮނުވީ މިދިޔަ ބުދަ ދުވަހުއެވެ. ހަތް މެމްބަރުން ހިމެނޭ އެ ކޮމިޓީން ބިލު ފާސްކޮށްފައި ވަނީ، ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީއިން ވަކިވުމުން މަޖިލިސް މެމްބަރު ކަމުން ވަކިވުން އިހުތިޔާރީ ކަމަކަށް ހަދާ ގޮތަށް ބިލަށް ބަދަލު ގެނައުމަށް ފަހުގައެވެ.

ބިލު ފާސްކުރީ، ކޮމިޓީއަށް ހާޒިރުވެތިބި މެމްބަރުންގެ އިއްތިފާގުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން